ޑިޖިޓަލް ނިޒާމެއްގެ ތެރެއިން މަޢުލޫމާތު ރައްކާތެރިކުރުމަށް ހެލްތު މިނިސްޓްރީން އެކުލަވައިލި އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމް ”އިތާ“ ޕޯޓަލް ރަސްމީކޮށް މިއަދު އިފްތިތާހުކޮށްފިއެވެ.
މި ޕޯޓަލް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު ގީލާ ޢަލީއެވެ.
ޔުނިސެފްގެ އެހީތެރިކަމާއެކު ތަޢާރަފްކުރި އިތާ ޕޯޓަލްއަކީ، އިޖުތިމާޢީ އެހީތެރިކަމަށް އެދި ހުށަހަޅާ މައްސަލަތަކާއި، ވުޒާރާއިން ބަލަމުންދާ އެކި ބާވަތުގެ މައްސަލަތަކުގެ ލިޔެކިޔުންތައް ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުމަށް ތަޢާރަފްކުރި ޕޯޓަލްއެކެވެ.
މީގެތެރޭގައި މައްސަލަ ބަލައިގަތުމުން ފެށިގެން، މައްސަލަ ނިމުމާ ހަމައަށް ކުރަންޖެހޭ ހުރިހާ ކަމެއް ހިމެނޭކަމަށް މިނިސްޓްރީން ފާހަގަކުރެއްވިއެވެ.
”އިތާ“ ޕޯޓަލް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ގީލާ ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ރައްޔިތުންނާ ގުޅުންހުރި ޚިދުމަތްތައް ޑިޖިޓަލްކޮށް، ފަސޭހަކަމާއެކު އަވަހަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ.
އެގޮތުން އިތާ ޕޯޓަލްއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ ”މޯލްޑިވްސް 2.0“ މަޝްރޫޢުގެ ދަށުން ކުރެވުނު މުހިންމު މަސައްކަތެއްކަން ފާހަގަކުރެއްވިއެވެ.




