މޯލްޑިވްސް ޒަކާތު ހައުސްއިން ދޫކުރާ 2026ވަނަ އަހަރުގެ މަތީ ތައުލީމުގެ ސްކޮލަރޝިޕާއި ޚާއްސަ ސްކޮލަރޝިޕު ޕުރޮގުރާމަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފިއެވެ.
ޒަކާތު ހައުސްއިން ސްކޮލަރޝިޕާއި ޚާއްސަ ސްކޮލަރޝިޕު ޕުރޮގުރާމަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފައިވަނީ އެކަމަށް އެދޭ ފަރާތްތަކަށް އިތުރު ވަގުތު ދިނުމުގެ ގޮތުންކަމަށް ޒަކާތު ހައުސްއިން ބުނެއެވެ.
މި ބަދަލާއެކު، ކުރިން 16 ޖުލައި 2026އަށް ހަމަވާން އޮތް ސުންގަޑި މިހާރު ވަނީ 16 އޮގަސްޓު 2026ގެ 14:00އާ ހަމައަށް އިތުރުކޮށްފަކަމަށް ޒަކާތު ހައުސްއިން މައުލޫމާތުދެއެވެ.
މި އަހަރުގެ މެއި 17 ވަނަ ދުވަހުގައި ހުޅުވާލި މި ސްކޮލަރޝިޕު ޕްރޮގުރާމަކީ ރާއްޖެއާއި ރާއްޖޭން ބޭރުން މާސްޓަރސް އާއި ޕީ.އެޗް.ޑީއަށް ކިޔަވަން ބޭނުންވާ ދިވެހި ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލައިފައިވާ ފުރުސަތެކެވެ. މި ޕުރޮގުރާމުގެ ދަށުން ޖުމުލަ 40 ފުރުސަތު ހުޅުވާލައިފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ކިޔެވުމަށް 10 ފުރުސަތާއި ރާއްޖޭން ބޭރުގައި ކިޔެވުމަށް 20 ފުރުސަތާއި ސައުދީ އަރަބިއްޔާއާއި މިޞްރުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ސްޓައިޕެންޑު ހިމެނޭ ގޮތަށް ދޭ 5 ފުރުސަތާއި، އަންހެނުންގެ ސިއްހަތާ ގުޅުންހުރި ދާއިރާތަކުން އަންހެން ޑޮކްޓަރުން ތަމްރީނުކުރުމަށް ދޭ 5 ފުރުސަތެވެ.
މީގެ އިތުރުން، އިޢުލާނުގައި ބަޔާންކޮށްފައިވާ އިސްލާމީ ދާއިރާތަކުގެ ބޭރުން އެހެނިހެން ދާއިރާތަކުން ކިޔެވުމަށް އެދޭ ފަރާތްތަކަށް ޕުރޮޕޯސަލު ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ. މިގޮތަށް ހުށަހަޅާ އިރު، އެ ދާއިރާއަކުން ކިޔެވުމުން ދިވެހި އިސްލާމީ މުޖުތަމަޢުގެ ކުރިއެރުމަށާއި ތަރައްޤީއަށް ކުރާނެ ފައިދާ ސާފުކޮށް ބަޔާންކޮށްދޭންޖެހެއެވެ. މި ފުރުސަތަށް އެދި ހުށަހަޅާނެ ޚާއްސަ ޕްރޮޕޯސަލު ޓެމްޕްލޭޓު ޒަކާތު ހައުސްގެ ވެބްސައިޓުން ޑައުންލޯޑުކުރެވޭނެ ކަމަށް ޒަކާތު ހައުސްއިން ބުނެއެވެ.
ޒަކާތު ސްކޮލަރޝިޕު 2026އަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި އިތުރުކުރުމުގެ މަގުސަދަކީ، ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ފޯމު ހުށަނާޅާ ތިބި ފަރާތްތަކަށް މި ފުރުޞަތުގެ ބޭނުން ހިފުމަށް ހިތްވަރުދިނުންކަމަށް ވާއިރު 16 އޮގަސްޓު 2026ގެ 14:00ގެ ކުރިން scholarship@zakathouse.gov.mv އަށް އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ޒަކާތު ހައުސްއިން ވަނީ އިލްތިމާސްކޮށްފައެވެ.




