މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން މާލޭގައި ދެ ޕާކިން ބިލްޑިން އެޅުމުގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
”ދަ ޕަލްސް“ ގެ ނަމުގައި ސަރުކާރުން ކޮންމެ ހުކުރު ދުވަހަކު ގެނެސްދެމުންދާ ޕޮޑްކާސްޓުގައި، މާލޭގެ ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން މާލެއަށް އެތެރެކުރާ އުޅަނދުފަހަރު މަދުކުރުމުގެ ޕްލޭނެއް އޮތްތޯ ސުވާލު ކުރުމުން ރައީސް ވިދާޅުވީ އެކަމުން އެކަނި މާލޭގެ ތޮއްޖެހުން ހައްލުކުރެވިދާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
އެ މައްސަލައިގެ އެންމެ އަޑިއަށް ދާންޖެހޭކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ މާލެ ތޮއްޖެހެމުންދަނީ މިދިޔަ ދުވަސްތަކުގައި ރާއްޖޭގެ ތަރައްގީ ބަހައްޓަން ކޮށްފައި އޮތްގޮތުން ކަމަށެވެ. އެހެންވެ، އާބަން ސެންޓަރުތައް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެތަންތަން ތަރައްގީވުމުން، މާލޭގައި އުޅޭ މީހުން އެތަންތަނަށް ދިރިއުޅުން ބަދަލުކުރަން ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެކަމަކީ ދެތިން އަހަރުން ނަތީޖާ ފެންނާނެ ކަންކަމެއް ނޫނެވެ. އެކަމަކު އެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
”މި މައްސަލައަކީ ރޫޓް ކޯސްއަށް ދާންވެފައި އޮތް ކަމެއް. ރޫޓްކޯސްއޭ މި ދަންނަވަނީ މާލޭއަށް މީހުން ތޮއްޖެހެން ޖެހޭ ސަބަބު، ރާއްޖޭގެ ތަރައްގީ މިދިޔަ ދުވަސްތަކުގައި ބައްޓަންވެފައި އޮތްގޮތުގެ ސަބަބުން މި މައްސަލަ މި އަންނަނީ. އެހެންވެ ސަރަހައްދީ ތަރައްގީގެ މަޝްރޫއުތައް ފެށީ. އަޅުގަނޑުމެންނަށް ދެ ތިން އަހަރު ތެރޭގައި ހައްލު ނުވާނެ ކަމެއްވީމަ ނަތީޖާއެއް ނުފެންނަނީ،“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ މައްސަލަ ހައްލުވެގެން ދާއިރު މާލޭގެ ތޮއްޖެހުން ވެސް ހައްލުވެ، ވެހިކަލްތަކުގެ އަދަދު ވެސް ހައްލުވެގެންދާނެއެވެ.


