ކުދީނާ ގޯޅީގައި ހުންނަ ފުޑް ބިސްޓްރޯގެ ދުންހޮޅިން ޒިކުރާ މިސްކިތުގެ އެތެރެއަށް ދުމާއި ވަސް ދާތީ، އެކަން ރަނގަޅު ކުރަންދެން އެ ކެފޭ ބަންދުކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލުން ފުޑް ބިސްޓްރޯ ބަންދުކުރީ އިއްޔެގެ ހުކުރު ނަމާދަށްފަހު ގައެވެ.
ސިޓީ ކައުންސިލުން ބުނީ ފުޑް ބިސްޓްރޯގެ ދުންހޮޅި ރަނގަޅުކުރަން ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުން ތަކުރާރުކޮށް ނަސޭހަތްތެރިވި ނަމަވެސް އެ މައްސަލަ ހައްލުކޮށްފައިނުވާ ކަމަށެވެ.
އިއްޔެ ފުޑް ބިސްޓްރޯ ބަންދުކުރީ ހުކުރު ނަމާދު ގަޑީގައި އެތަނުން ކައްކާ އެއްޗެހީގެ މިރުސް ވަހާ ހުރެ ޒިކުރާ މިސްކިތުގައި ނަމާދަށް ތިބި މީހުން ކޮށިއަރާވަރުން ނަމާދަށް ތިބެން އުނދަގޫ ވާތީ ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ.
”ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުގެ މުވައްޒަފުން މިތަނަށް ވަނުމުން، މިތަނުގައި ކައްކަން ތިބި ބިދޭސީންނާއި ހިދުމަތް ހޯދަން އައިސް ތިބި ބިދޭސީންގެ ތެރެއިން ގިނަ ބަޔަކު ވަނީ ދުވެ ފިލާފައި،“ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
އެ ކެފޭ ބަންދުކުރީ ދުންހޮޅީގެ މައްސަލަ ހައްލު ކުރަންދެން، ވަގުތީ ގޮތުންނެވެ.



