މާލޭ ސިޓީ ކައުންސިލުން ނަގަންޖެހޭ ހުއްދަ ނުނަގައި، ގަވާއިދާ ޚިލާފަށް ދުވާރުމަތީގައި މަސައްކަތްކުރި ބަޔަކު މާލޭ ސިޓީ ކައުންސިލުން ޖޫރިމަނާކޮށްފިއެވެ.
މި މައްސަލައިގަައި ޖޫރިމަނާކޮށްފައިވަނީ ބޮޑުތަކުރުފާނު މަގު ހ. މާދޫ ނަމަކަށް ކިޔާ ގެއެކެވެ. އެއީ މާލެ ސިޓީގެ މަގުތަކާއި ޕޭމެންޓުތަކާއި ބަނދަރުތަކާއި އާންމު ތަންތަނުގައި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރުމުން، ޖޫރިމަނާ ކުރުމަށް ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުންނެވެ.
ސިޓީ ކައުންސިލުން ފޮނުވާފައިވާ ޗިޓުގައި، ޖޫރިމަނާކުރި ސަބަބެއްގެ ގޮތުގައި ޖަހާފައިވަނީ ދުވާރުމަތީގައި ސިޓީ ކައުންސިލުގެ “ހުއްދަ ބޯޑު“ ނުބަހައްޓައި މަސައްކަތް ކުރުމުންނެވެ.
ނަމަވެސް ޖޫރިމަނާކޮށްފައިވަނީ ކޮން އަދަދަކުން ކަމެއް ކަށަވަރެއް ނުވެއެވެ.
މާލޭގައި ހުއްދަތައް ނުނަގައި، އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅައި އިމާރާތްކުރުމުގެ މަސައްކަތްތައް ކުރުމުގެ މައްސަލަ ވަރަށް ބޮޑެވެ.
ދާދި ފަހުން ވެސް، ހަދަމުންދިޔަ އިމާރާތެއްގެ މަތީން މީހަކު ވެއްޓި ޒަޚަމުވެފައިވެއެވެ. އެ މައްސަލައިގައި ކައުންސިލުން ވަނީ އިހުމާލުވި މީހުން 5،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.




