ކުރިއަށް އޮތްތަނުގައި ކަސްޓަމްސްގެ މަސައްކަތް ބައްޓަންކުރާނީ މިހާރަށްވުރެ އިތުރަށް ޚިދުމަތްތައް ޑިޖިޓަލައިޒް ކޮށްގެން ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 136 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ދެއްވި ޚާއްސަ މެސެޖުގައެވެ.
އިޙްސާން ވިދާޅުވީ، ރާއްޖޭގެ ކަސްޓަމްސްއަކީ ދައުލަތުގެ އެންމެ ދިގު ތާރީޚެއް އޮތް މުވައްސަސާއަށްވާއިރު، މި މުވައްސަސާއިން ކުރަމުން ދަނީ ޤައުމީ ސަލާމަތާބެހޭ ވަރަށް މުހިންމު މަސައްކަތްތަކެއް ކަމަށެވެ. ޚާއްސަކޮށް ރާއްޖޭގެ ދޮރޯށިތައް ބެލެހެއްޓުމާއި، ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމްކޮށްދިނުމުގެ އިތުރުން ރާއްޖެއަށް ވަންނަ އާމްދަނީގެ ބޮޑު ހިއްސާއެއް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ ޒިންމާ ގިނަ ދުވަސްތަކެއް ވަންދެން ކަސްޓަމްސްއިން އިހްލާސްތެރިކަމާއެކު ބަލަހައްޓަމުންދާކަން ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ، ޚާއްސަކޮށް މި ސަރުކާރު އައިފަހުން ރާއްޖޭގެ ބޯޑަރުން ޑްރަގް އަތުލުމާއި، ޤާނޫނީ ގޮތުން މަނާކޮށްފައިވާ ތަކެތި ބޯޑަރުން އަތުލައިގަތުމުގައި ވަރަށް ބޮޑެތި ކާމިޔާބީތަކެއް މި ދެއަހަރާއި ބައިގައި ކަސްޓަމްސްއިން ހޯދާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތާގައިވެސް ރާއްޖޭގެ ރައްޔިތުންގެ ހައްޤުގައި އަގުހުރި ޤައުމީ މަސައްކަތްތަކެއް ކަސްޓަމްސްގެ އޮފިސަރުން ކުރަމުންދާނެ ކަމާމެދު ޝައްކެއް ނުކުރާ ކަމަށްވެސް އިހްސާން ވިދާޅުވިއެވެ.



