ބިދޭސީއަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ދައުވާލިބޭ ޕާކިސްތާން ޝެފް މުހައްމަދު އާބިދުގެ މައްޗަށް މަރުގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.
ހުޅުމާލޭގައި ހިންގާ ހާންޖީ ރެސްޓޯރެންޓްގައި ހިނގި ހަމަނުޖެހުމެއްގައި މަރުވީ އެތަނުގައި މަސައްކަތްކުރި ބަންގްލަދޭޝްގެ މީހެކެވެ. އޭނާ މަރާލި މައްސަލާގައި، ޕާކިސްތާނު ކައްކާއެއް ކަމަށްވާ އާބިދުގެ މައްޗަށް އުފުލީ ގަސްދުގައި މީހަކު މަރާލުމުގެ ދައުވާއެވެ.
އޭނާއަށް ކުރާ ދައުވާގައިވާ ގޮތުން ބަންގްލަދޭޝް މީހާއަށް އާބިދު ހަމަލާދީ މަރާލީ އޭނާގެ ބޮލަށާއި މެޔަށް ހަމަލާދީގެންނެވެ. އެ ކުށް ސާބިތުވެއްޖެނަމަ، މަރުގެ އަދަބު ކަނޑައެޅޭނެ ކަމަށް ދައުލަތުން ބުނެފައިވެއެވެ.
ޝަރީއަތުގައި އާބިދު ވަނީ ދައުވާއަށް އިންކާރުކޮށް، ވަޅިން ހަމަލާދެވުނީ އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށާއި ހަމަލާދެވުނުއިރު އެ ބޭނުން ކުރެވުނީ ވަޅިއެއްކަން އާބިދަށް ނޭނގޭ ކަމަށް ބުނެފައެވެ.
ދިފާއުގައި އާބިދު ބުނެފައިވަނީ އެ ހާދިސާ ހިނގި ވަގުތު ދެ މީހުންގެ ދެމެދުގައި ހިނގި މާރާމާރީގައި އާބިދުގެ ބޮލުގައި ބަންގްލަދޭޝް މީހާ ޖެހުމުން އާބިދު ހުރީ ބޮލަށް އެނބުރުން އަރާފައެވެ.
މި މައްސަލައިގައި މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝާފިއު ވިދާޅުވި ގޮތުގައި ގަސްދެއް ނެތް ކަމަށް އާބިދު ބުންޏަސް އޭނާ ހިންގި އަމަލަކީ މީހެއްގެ ފުރާނަ ގޮސްދާނެ ފަދަ އަމަލެއް ކަން ތަސައްވުރު ކުރެވޭނެ ކަމަށެވެ. އަދި އޭނާ ހަމަލާދީފައިވަނީ ރުޅިވެރިކަމާ އެކު ވަޅިއަކުން ކަން ހެކިންގެ ހެކިބަހުން އެނގޭ ކަމަށްވެސް ވިދާޅުވިއެވެ.
މައްސަލައިގައި ދިފާއުގައި އާބިދުގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެ އެވެ. ދައުލަތުން ހުށަހެޅި ހެކިންގެ ތެރޭގައި ގިނައީ އެ މަންޒަރު ފެނުނު ބިދޭސީންނެވެ.
ގާޒީ ވިދާޅުވެފައިވާ ގޮތުގައި ބަންގްލަދޭޝް މީހާއަށް ހަމަލާދިނީ އަމިއްލަ ދިފާއުގައި ކަމަށް އާބިދު ބުނާ ވާހަކައަކީ އޭނާ އަމިއްލައަށް އުފަންކުރުވި ވާހަކަތަކެއް ކަމަށް ހެކިންގެ ހެކިބަހާއި ހާދިސާގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ބުރަވެވެއެވެ.
އެހެންވެ، އާބިދުގެ މައްޗަށް ގަސްދު މަރުގެ ދައުވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ވަނީ ކަނޑައަޅައިފައެވެ. އަދި މަރުވި ބަންގްލަދޭޝް މީހާގެ ވާރިސުންގެ ބަސް ހޯދުމަށްފަހު އާބިދުގެ މައްޗަށް އަދަބު ކަނޑައަޅަން ވަނީ ނިންމައިފައެވެ.




