ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މާލެއިން ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ގެއްލުނު 838،434 ރުފިޔާ ގެ ތެރެއިން 98 ޕަސެންޓު ފައިސާ އަނބުރާ ހޯދާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން ބުނީ މި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް މާލެ އިން ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި 838،434 ރުފިޔާ ގެއްލިގެން ރިޕޯޓުކުރި ކަމަށެވެ. އޭގެ ތެރެއިން ފުލުހުންގެ މަސައްކަތުން 826،730 ރުފިޔާ ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން އެންމެ ގިނަ އަދަދެއްގެ ފައިސާ ގެއްލިގެން ރިޕޯޓުކޮށްފައި ވަނީ މާފަންނު ޕޮލިސް ސްޓޭޝަނަށެެވެ. ޖުމުލަ 407،553 ރުފިޔާ ގެއްލިގެން އެ ސްޓޭޝަނަށް ރިޕޯޓުކޮށްފައިވާއިރު ގަލޮޅު ޕޮލިހަށް ވަނީ 203،968 ރުފިޔާ ގެއްލިގެން ރިޕޯޓުކޮށްފަ އެވެ. އަދި ހެންވޭރު ޕޮލިހަށް ވައްކަމާއި ފޭރުމުގައި 200،578 ރުފިޔާ ގެއްލިގެން ރިޕޯޓުކުރިއިރު އެ މުއްދަތުގައި އެއާޕޯޓު އަދި ޓޫރިސްޓު ޕޮލިސްއަށް 26،335 ރުފިޔާ ގެއްލިގެން ރިޕޯޓޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ފުލުހުން ބުނި ގޮތުގައި ގެއްލިގެން ރިޕޯޓުކުރި ފައިސާގެ ތެރެއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ގެއްލުނު އަދަދު އެއްކޮށް ވަނީ ރިކަވާ ކޮށްފަ އެވެ. އަދި މާފަންނު ޕޮލިހުން ވެސް 396،888 ރުފިޔާ ރުފިޔާ ރިކަވާ ކޮށްފައިވާ ކަމަށާއި ހެންވޭރު ޕޮލިހުން 175،250 ރުފިޔާ ރިކަވާ ކޮށްފައިވާ ކަމަށް ބުންޏެވެ. އަދި ގަލޮޅު ޕޮލިހުން ވަނީ 225،215 ރުފިޔާ އަނބުރާ ހޯދައިފަ އެވެ.
ފުލުހުން ވަނީ ކުރިން ވިލިމާލޭ ޕޮލިސް ސްޓޭޝަނަށް ރިޕޯޓުކޮށްފައިވާ ވައްކަމާއި ފޭރުމުގެ މައްސަލައެއްގައި ގެއްލުނު ފައިސާގެ ތެރެއިން 3،042 ރުފިޔާ ވެސް އެ މުއްދަތުގައި އަނބުރާ ހޯދައިފައެވެ.



