ވޯލްޑްކަޕް 2026 ގެ ފައިނަލުގައި މިރޭ އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރާ ފޯރިގަދަ ފުޓުބޯޅަ މެޗު ބަލަން ސަޕޯޓަރުން ތައްޔާރުވަމުންދާއިރު، އުފާފާޅުކުރުމުގައި އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމްކުރުމަށާއި އަމާންކަން ގެއްލިދާނެ އެއްވެސްކަމެއް ނުކުރުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
ސޯޝަލް މީޑިއާގައި އާންމުކުރި މެސެޖެއްގައި ފުލުހުން ބުނީ، ދަންވަރުގެ ވަގުތުތަކަކީ ގިނަ ރައްޔިތުން އަރާމުކުރާ ވަގުތުތަކަކަށް ވުމާއެކު، އާންމު މަގުތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އަޑުގަދަކުރުމާއި، ބާރަށް ލަވަޖެހުމާއި، އުޅަނދުފަހަރުގެ ބަރުގޮނު އެޅުން ފަދަ، އެހެންމީހުންނަށް އުނދަގޫވާނޭ ކަންކަމުން ދުރުހެލިވުމަށެވެ.
މީގެ އިތުރުން، އާންމު ސަރަހައްދުތަކުގައި ބަހައްޓާފައިވާ ސްކްރީންތަކުން މެޗު ބަލާއިރު، މަގު ބޭނުންކުރާ އެހެނިހެން ފަރާތްތަކަށް ދަތިވާނެހެން ސައިކަލުތައް މަޑުކޮށްގެން ނުތިބުމަށާއި، މެޗު ނިމުމަށްފަހު ބައިބަޔަށް އެއްވުމާއި، ސައިކަލު ބުރު ޖެހުން ފަދަ ކަންކަން ނުކުރުމަށް ވެސް ބުނެފައިވެއެވެ. އަދި މިފަދަ ހަރަކާތްތަކުގެ ސަބަބުން އަވަށްޓެރިންނަށް އުނދަގޫވެ، މަގު ބޭނުންކުރާ އެހެންމީހުންނަށް ދަތިތަކާ ކުރިމަތިވެދާނެކަން ވެސް ފުލުހުން ވަނީ ހަނދާން ކޮށްދީފައެވެ.
އެހެންކަމުން، މެޗުގެ ފޯރީގައި ބައިވެރިވާއިރު، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި އަވައްޓެރިންގެ ހައްގުތަކަށް އިސްކަންދިނުމަށް ފުލުހުން ވަނީ ގޮވާލާފައެވެ.
ސްޕެއިނާއި އާޖެންޓީނާ ބައްދަލުކުރާ މެޗު އޮތީ މިރޭ ރާއްޖެ ގަޑިން 00:00 ގައެވެ.




