ކ. ތިލަފުށީ ވޯކް ސައިޓެއްގައި ބިދޭސީއަކު މަރުވެފައި އޮއްވައި ފެނުނު މައްސަލާގައި ހައްޔަރުކުރި ސްރީ ލަންކާގެ މީހާގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރާނެ މިންވަރަށް ހެކި ނެތުމުން، އޭނާގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހުން ނިންމައިފިއެވެ.
މި ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެކްސްކަވޭޓަރު ދުއްވަން އިން ލަންކާގެ އުމުރުން 32 އަހަރުގެ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަ ނަމަކަށް ކިޔާ މީހެކެވެ.
ތަހުގީގަށް އޭނާ ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ގެންގުޅުނެވެ.
ނަމަވެސް ޕީޖީ އޮފީހުން ދައުވާ ނުކުރަން ނިންމީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 24 އަހަރުގެ އަމީން މިއާ މަރުވުމުގައި ޑްރައިވަރުގެ އިހުމާލެއް އޮތް ކަމަށް ނުފެންނާތީއެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި، ހާދިސާ ހިނގި ގޮތް ފުލުހުން އަލުން ކުޅުނުއިރު، އެ ސަރަހައްދުގައި މީހަކު ހުރިކަން އެތަނުގެ އަލިކަން ހުރި ގޮތުން ޑްރައިވަރަށް ނޭނގޭނެކަން ވަނީ ފާހަގަކުރެވިފައެވެ. އަދި ހާދިސާ ހިނގިއިރު އަމީން މިއާ ހުރީ އެކްސްކަވޭޓަރާ 10 ވަރަކަށް ފޫޓު ދުރުގައި ކަމަށްވެސް އެ އޮފީހުން ބުންޏެވެ.
މި މައްސަލައިގެ ތަހުގީގަށް ފަހު ފުލުހުން ޕީޖީ އޮފީހަށް ފޮނުވީ ގަސްދަކާނުލައި މީހަކު މެރުމުގެ ދައުވާ އުފުލުމަށެވެ. ނަމަވެސް ޕީޖީ އޮފީހުން ފާހަގަކުރި ގޮތުގައި، އަމީން މިއާ އަކީ އޭނާގެ ޑިއުޓީގެ ގޮތުން އެ ވަގުތު އެ ސަރަހައްދުގައި ހުންނަން ޖެހޭ މީހެއް ނޫނެވެ. އަދި ކުނިގޮނޑަށް އަރައި އުޅުމަކީ ނުރައްކާތެރި ކަމަކަށްވާތީ ވެމްކޯއިން އެކަން މަނާކޮށްފައި އޮތްކަންވެސް ޕީޖީން ފާހަގަކުރިއެވެ.
ޕީޖީން ބުނެފައިވާ ގޮތުގައި މަރުވި މީހާއާއި ޑްރައިވަރާ ދެމެދު އެއްވެސް އަދާވަތްތެރިކަމެއް އޮތް ކަމަށް ބެލެވޭނެ ހެއްކެއްވެސް ފެންނާކަށް ނެތެވެ.
އަމީން މިއާ މަރުވެފައި އޮއްވައި ފެނުނީ ތިލަފުށީގައި ހުރި ކުނި ފުންޏެއްގެ ތެރެއިންނެވެ. ފުލުހުންގެ ތަހުގީގުން އެނގުނު ގޮތުގައި އޭނާ މަރުވީ އެކްސްކަވޭޓަރުގެ ދަތްގަނޑުން ޖެހި ވެއްޓި، ކުނިތަކާ އެކު ހަށިގަނޑު އެހެން ދިމާލަކަށް ބަދަލުކުރެވި ކުނިތައް ގައިމައްޗަށް އެޅުމުގެ ސަބަބުންނެވެ.



