ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެޕާއި އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ޚިދުމަތްތަކަށް އެދި ހުށަހެޅުމަށް ފަސޭހަ ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.
ބީއެމްއެލް ”އަޔާ“ އަކީ، އެ ބޭންކުގެ ކަސްޓަމަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައާރަފުކޮށްފައިވާ އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި ބޭނުންކޮށްގެން މަސައްކަތް ކުރާ ޑިޖިޓަލް ބޭންކިންގ އެސިސްޓެންޓެކެވެ.
އެ ބޭންކުން ބުނީ، ބީއެމްއެލްގެ މޮބައިލް އެޕް އަދި އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ޚިދުމަތްތަކަށް އެދި ހުށަހެޅުމުގައި ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަކަމެއް ހޯދައިދިނުމަށް، ޑިޖިޓަލް އެސިސްޓެންޓް ”އާޔާ“ އަށް މުހިންމު ބަދަލުތަކެއް ގެންނަން ފަށާފައިވާ ކަމަށާއި މި އަޕްޑޭޓާއެކު ބޭންކިންގ ޚިދުމަތްތަކަށް އެދި ހުށަހެޅުމުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ
މި ބަދަލާއެކު ”އާޔާ“ މެދުވެރިކޮށް ކަސްޓަމަރުންގެ ސުވާލުތަކާއި ބޭނުންތަކަށް ވަގުތުން ހައްލު ލިބި، ޚިދުމަތްތަކަށް އެދި ހުށަހެޅުމުގައި ކުރިއަށްވުރެ ބޮޑަށް ހަލުވިކަމާއި ފަސޭހަކަމެއް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އަދި ކަސްޓަމަރުން ބޭނުންވެއްޖެ ހާލަތެއްގައި ’އާޔާ‘ މެދުވެރިކޮށް ބޭންކުގެ މުވައްޒަފެއްގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށްވެސް ބުންޏެވެ.
މީގެއިތުރުން އެބޭންކުން ބުނީ، މި ބަދަލާއި ގުޅިގެން މޮބައިލް ބޭންކިންގ އެޕް އަދި އިންޓަރނެޓް ބޭންކިންގައި ކުރިން ކަސްޓަމަރުން ބޭނުން ކުރަމުން އައި މެސެޖިންގ ފީޗަރ މެދުވެރިކޮށް ޚިދުމަތްތަކަށް އެދި ހުށަހެޅުން މިހާރު މެދުކަނޑާލާފައިވާ ކަމަށެވެ. މިއީ، ކަސްޓަމަރުންނަށް ބޭނުންވާ ޚާއްޞަ އެހީތެރިކަން އެންމެ ފުރިހަމައަށް ކަށަވަރު ކޮށްދިނުމަށް ކުރި މަސައްކަތްތަކެއް ކަމަށް ވެސް ބުންޏެވެ.
އަދި މިއީ އެ ބޭންކުގެ ޑިޖިޓަލް ބޭންކިންގ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ކަސްޓަމަރުންނަށް ލުއިފަސޭހަ އަދި އިތުބާރު ހުރި ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް މެދުނުކެނޑި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅި މުހިންމު ފިޔަވަޅެއް ކަމަށްވެސް ބީއެމްއެލްއިން ބުންޏެވެ.



