ދިވެހި ފުލުހުންގެ ޚިދުމަތުގެ ރަސްމީ ވާޖިބު އަދާކުރަމުން ދަނިކޮށް ނުވަތަ ޚިދުމަތާ ގުޅުންހުރި އެކި ހާދިސާތަކުގައި ވަކިވެދިޔަ ފުލުހުންގެ ޒިކުރާ އާކޮށް، އެ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ފާހަގަކުރާ ”ޕޮލިސް މެމޯރިއަލް ޑޭ“ ގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.
ކޮންމެ އަހަރެއްގެ ޖުލައި 23 ވަނަ ދުވަހު މި ދުވަސް ފާހަގަކުރަނީ، 2012 ޖުލައި 23 ވަނަ ދުވަހު ކ. ކާށިދޫގައި ރަސްމީ މަސައްކަތުގައި އުޅުއްވަނިކޮށް ދިން ހަމަލާއެއްގައި ޝަހީދުވި ސާޖަންޓް އާދަމް ޙަލީމްގެ ހަނދާނުގައެވެ. މި ދުވަސް ރަސްމީކޮށް ފާހަގަކުރަން ފަށާފައިވަނީ 2013 ވަނަ އަހަރުން ފެށިގެންނެވެ.
މިއަހަރުގެ ޕޮލިސް މެމޯރިއަލް ޑޭގެ ހަރަކާތްތައް ރަސްމީކޮށް ފަށާފައިވަނީ ރޭ މެންދަމު 00:00 ގައި ފުލުހުންގެ ދިދަ ބައިދަނޑިއަށް ތިރިކުރުމާއެކުގައެވެ.
މި ދުވަހާ ގުޅިގެން މިއަދު ހެނދުނު 06:00 ގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަ އެންޑް ޓެކްނޮލޮޖީ އެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި، ވަކިވެދިޔަ ފުލުހުންގެ ހަނދާނުގައި ހިމޭންކަމުގެ ސުކޫތެއް ގެނެސް، ދުއާއެއް ކުރުން އޮތެވެ. މީގެ އިތުރުން، ޝަރަފުގެ ގާޑެއް މެމޯރިއަލް ވޯލްގައި މައުންޓްކޮށް، މިރޭގެ 00:00 އާ ހަމައަށް ފޯރިމަރަމުން ގެންދާނެއެވެ.
ޕޮލިސް މެމޯރިއަލް ވޯލްގައި ޝަހީދުންގެ ގޮތުގައި ފަސް ފުލުހެއްގެ ނަން ވަނީ ލިޔެވިފައެވެ. އެއީ:
° ޝަހީދު ސާޖަންޓް ޢަލީ ނާޒިމް
° ޝަހީދު ސާޖަންޓް އާދަމް ޙަލީމް
° ޝަހީދު ސާޖަންޓް މިސްބާޙު ޢަބްދުﷲ
° ޝަހީދު ސާޖަންޓް އަޙްމަދު ވިފާގް
° ޝަހީދު ކޮންސްޓަބަލް ޔޫސުފް ޒަމީރު

މީގެ އިތުރުން، ވާޖިބު އަދާކުރަމުން ދަނިކޮށް ނިޔާވެފައިވާ އިތުރު 11 ފުލުހެއްގެ ހަނދާންވެސް މި ދުވަހު އާކުރެވުނެވެ. އޭގެ ތެރޭގައި:
° ސުޕަރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާޢީލް ނަދީމް
° ޕޮލިސް ސާޖަންޓް ޙުސައިން ޝަރީފް
° ޕޮލިސް ސާޖަންޓް ޝުޖާޢު ޢަދުނާން
° ޕޮލިސް ސާޖަންޓް އިސްމާޢީލް ރިޒާ
° ޕޮލިސް ކޯޕްރަލް މުޙައްމަދު ޝާތިރު
° ޕޮލިސް ލާންސް ކޯޕްރަލް ޙަސަން އަޝްރަފް
° ކޮންސްޓަބަލް ޢަބްދުލްބާސިތު
° ސާޖަންޓު ފާތިމަތު ރިފާ
° ކޮންސްޓަބަލް ޙުސައިން ގައިސް
° ސާޖަންޓު މުޙައްމަދު އަރުޝަދު
މި އަހަރުގެ ރަސްމިއްޔާތުގައި އެންމެ ފަހުން ނިޔާވި ސަބް އިންސްޕެކްޓަ އޮފް ޕޮލިސް އަޙްމަދު ޢާސިފްގެ ހަނދާންވެސް ވަނީ އާކޮށްފައެވެ. އަޙްމަދު ޢާސިފް ނިޔާވީ މިދިޔަ މަހު 11 ވަނަ ދުވަހު ފުލުހުންގެ އޮޕަރޭޝަނެއްގައި ”ޕޮލިސް ލޯންޗު 57“ ގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ.




