އަންހެނަކަށްވެގެން އޮރިޔާން ފޮޓޯ އާއި ވީޑިއޯ ހޯދުމަށް ފަހު ފައިސާއަށް ޑިމާންޑުކޮށް، ފިރިހެނަކު ބްލެކްމެއިލްކުރި މައްސަލައެއްގެ ދައުވާ ކްެރިމިނަލް ކޯޓުން ބޭރުކޮށްލުމުން، އެ ދައުވާ ކުރިއަށް ގެންދަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
މި މައްސަލާގައި ދައުވާކުރީ، މުހައްމަަދު ފަވާޒު ލުތުފީ، ލިލީގަސްދޮށުގެ/ސ. ފޭދޫގެ މައްޗަށެވެ. އޭނާގެ މައްޗަށް ބްލެކްމެއިލްކުރުމުގެ ދައުވާ ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހުން ހުށަހެޅީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އެއީ، އަންހެނަކަށް ހެދިގެން ސްނެޕްޗެޓުން ފިރިހެނަކާއި ވާހަކަދައްކައި، އޭނާ ލައްވައި ބަރަހަނާ މަންޒަރު ހޯދައި އެ ތަކެތި ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމުގެ ތުުހުމަތުގަ އެވެ.
ދައުވާގައިވާ ގޮތުން، ބަރަހަނާ މަންޒަރު ފޮނުވުމުން، އޭނަގެ އަތުން ފައިސާ ހޯދަން އެ ތަކެތި ލީކުކޮށްލާނެ ކަމުގެ ބިރުދައްކާފައިވެ އެވެ.
އެކަމަކު އެ ދައުވާއަކީ ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ކުރެވޭނެ ދައުވާއެއް ނޫން ކަމަށް ނިންމައި ކްރިމިނަލް ކޯޓުން އެ ދައުވާ ބާތިލުކޮށް، ބޭރުކޮށްލީ އެވެ. މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން ކަމަށް ނިންމައި ކްރިމިނަލް ކޯޓުން އެ ދައުވާ ބާތިލުކުރި ސަބަބަކީ، ބްލެކްމެއިލް ކުރުމުގެ ކުރިން ސީދާ ޖިސްމާނީ ނުވަތަ މާއްދީ ބީހުމެއްގެ ޖިންސީ އަމަލެއް ހިނގާފައި ނުވާ ކަމަށް ބަލައިގެންނެވެ.
ހައި ކޯޓުން ވެސް މި ނިންމުން ދެމެހެއްޓި އެވެ. އެހެންވެ، ޕީޖީން ދެން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު އިއްވި ހުކުމްގައި ވަނީ، އެ ދައުވާއަކީ މަދަނީ މިންގަނޑު ކުރިއަށް ގެންދެވޭނެ ދައުވާއެއް ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލުކޮށްފަ އެވެ.
އެހެންވެ، އެ މައްސަލަ އަލުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި ނަމަ، އެ މައްސަލަ މިހާރު އޮތް ހިސާބުން ފެށިގެން ކުރިއަށް ގެންދިއުމަށް އެ ކޯޓަށް އެންގިއެވެ.



