މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗު)ގައި ހިމެނޭ ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗުގައި ހިދުމަތް ކުރުމަށް މި އަހަރުގެ މިހާތަނަށް ދިވެހި 16 ޑޮކްޓަރުން ތަމްރީން ފުރިހަމަކޮށް ގުޅިވަޑައިގެންފައިވާ ކަމަށް އެ ކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގު ހަލީމް މިއަދު ވިދާޅުވެއްޖެއެވެ.
ހަލީމް ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަލަށް ގުޅިވަޑައިގަތް ޑޮކްޓަރުންގެ ތެރޭގައި ރާއްޖެއަށް މުޅިން އަލަށް ތައާރަފްވާ ބައެއް ދާއިރާތަކުން ތަމްރީންވި ސްޕެޝަލިސްޓުންނާއި ސަބް-ސްޕެޝަލިސްޓުން ހިމެނޭ ކަމަށެވެ.
އޭގެ ތެރޭގައި، ނިއުރޯ އިންޓަވެންޝަނަލް ރޭޑިއޮލޮޖީ، ޕީޑިއަޓްރިކް ޑެންޓިސްޓްރީ، ނިއޯނަޓޮލޮޖީ އަދި ކްލިނިކަލް ހެމަޓޮލޮޖީ ހިމެނެއެވެ.
ހަލީމް ވިދާޅުވީ ކަށީގެ ބަލިތައް، އެތެރެހަށި، ނިއުރޮލޮޖީ، ރޭޑިއޮލޮޖީ، އީއެންޓީ، ގެސްޓްރޯއެންޓްރޮލޮޖީ، ޕްލާސްޓިކް ސާޖަރީ، ވެސްކިޔުލާ ސާޖަރީ އަދި ޕަލްމޮނޮލޮޖީ ފަދަ މުހިންމު ދާއިރާތަކުން އިތުރު ޑޮކްޓަރުން ވެސް ހިދުމަތާ ގުޅިވަޑައިގެންފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، މި އަހަރު އާ ހިދުމަތްތަކެއް ތައާރަފް ކުރުމަށް ވެސް ވަނީ ރާވާފައެވެ.
ކާޑިއޯތޮރެސިކް އެންޑް ވެސްކިޔުލާ ސާޖަރީ، އިންޓަވެންޝަނަލް ރޭޑިއޮލޮޖީގެ ހިދުމަތް ތައާރަފް ކުރުމާއި ހިތުގެ ފަރުވާ އާއި ނާރުގެ ފަރުވާ އިތުރަށް ފުޅާކުރުމަށްޓަކައި ޒަމާނީ ހިދުމަތްތައް އިރާދަކުރެވިއްޔާ މިއަހަރު ފެށިގެންދާނެ. މިއީ ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް“ ހަލީމް ވިދާޅުވިއެވެ.




