މިއަހަރު ރާއްޖެއިން ހައްޖަށްދާ ފަރާތްތަކަށް ރާއްޖެއާއި ސައުދީގައި ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ދިނުމަށް ފުރިހަމަޔަށް ތައްޔާރުވެފައިވާކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަކީލު ވިދާޅުވެއްޖެއެވެ.
ސައުވީހަށް، ޝަކީލު ވިދާޅުވީ ހައްޖާޖީން ފުރުވުމުގެ ކަންތައްތަކާއި، އަދި އެހެނިހެން ލޮޖިސްޓިކް ކަންތައްތައްވެސް ރާއްޖެއާއި ސައުދީގައި ފުރިހަމަޔަށް އިންތިޒާމު ކުރެވިފައިވާކަމަށެވެ. ޝަކީލު ވިދާޅުވީ، މިހާރު އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަކަމަކީ ހައްޖާޖީންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުންކަމަށެވެ. މީގެ ކުރިން ސޯޝަލް މީޑިއާއާއި، ރޭޑިއޯ، ޓީވީ ފަދަ މަންސަތަކުން އެމައުލޫމާތު ގެނެސްދީފައިވި ނަމަވެސް، މިހާރު ސީދާ ހައްޖާޖީންނާއި ބައްދަލުކޮށް ހައްޖު ކޯޕަރޭޝަންގެ ފަރާތުން މައުލޫމާތު ހިއްސާ ކުރުމަށް ރާވާފައިވާކަމަށެވެ.
ޝަކީލް ވިދާޅުވީ، ފުރަތަމަ ފްލައިޓުން ފުރާ ފަރާތްތަކަށް އަމާޒުކޮށް މިރޭ މައުލޫމާތު ސެޝަންއެއް ބާއްވާނެކަމަށެވެ. މި ސެޝަންގައި އެބޭފުޅުންނަށް ހައްޖު ދަތުރާއި ގުޅިގެން، އިދާރީ މައުލޫމާތުތަކާއި ދީނީ މައުލޫމާތުގެ އިތުރުން ލޮޖިސްޓިކް މައުލޫމާތުތައް ހިއްސާކުރުމަށް ހަމަޖެހިފައިވާކަަމަށް ޝަކީލު ވިދާޅުވި އެވެ. އަދި މިރޭ ފުރަތަމަ ފުރާ ފަރާތްތަކަށް މައުލޫމާތު ދިންނަމަވެސް، ދެން ތިބި ހައްޖާޖީންނަށްވެސް ކުރިޔަށް އޮތް ދުވަސްތަކުގައި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމް ކުރިޔަށްގެންދަން ރާވާފައިވާ ކަމަށްވެސް ޝަކީލް ވިދާޅުވި އެވެ.
މިއަހަރު ރާއްޖެއަށް ލިބިފައިވަނީ 1،000 ހައްޖު ކޯޓާއެވެ. ރާއްޖެއިން މީގެ ކުރިން ވަނީ އިތުރު ކޯޓާ ހޯދަން އެދިފައެވެ. މިކަމާއި ގުޅޭގޮތުން ޝަކީލް ވިދާޅުވީ މިހާރު އިތުރު ކޯޓާ ލިބޭނެކަން އެނގިފައިވާ ކަމަށާއި، އެއީ މަދު އަދަދެއްކަމަށެވެ. އަދި ސައުދީ ސަރުކާރުން އިތުރުކޮށްދެއްވީ ކިހާ އަދަދެއްގެ ކޯޓާކަން އަދި ޔަގީން ނުވާކަަމަށް ވިދާޅުވި އެވެ. އާންމުކޮށް ސައުދީ ސަރުކާރުން ކޯޓާ ދިނުމުގައި ގެންގުޅޭ އުސޫލަކީ، ކުރިން ކޯޓާ ދީފައިވާ ގައުމަކުން އެއަދަދަށް މީހުން ހައްޖަށް ނުދާނަމަ، އެ ކެންސަލްވާ ކޯޓާތަށް ވަކި އުސޫލެއްގެ ދަށުން އެހެން ގައުމުތަކަށް ދޫކުރުމެވެ.
ރާއްޖެއިން ހައްޖަށްދާ 1،000 މީހުންވެސް މިފަހަރު ހައްޖަށްދަނީ ހައްޖުކޯޕަރޭޝަންގެ ބެލުމުގެ ދަށުންނެވެ. މިހާރު އެފަރާތްތައް ފުރުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފަ އެވެ. އެގޮތުން 4 ފްލައިޓަކަށް ބަހާލައިގެން އެ ފަރާތްތައް ފުރުވާލާއިރު، ފުރަތަމަ ބެޗުގެ 298 ހައްޖާޖީން ފުރަނީ މިމަހުގެ 31 ވަނަ ދުވަހު އެވެ. 2 ވަނަ ބެޗު ޖޫން 3 ގައި، 3 ވަނަ ބެޗު 7 ޖޫންގައި، އަދި 4 ވަނަ ބެޗު 10 ޖޫންގައި ފުރާގޮތަށް ވަނީ ހަމަޖެހިފައެވެ.
ހައްޖުވެރިންގެ ކަންކަން ބެލުމަށް ސަރުކާރުން ހަމަޖައްސާފައިވާ 7 މެންބަރުންގެ ”ހައްޖު މިޝަން“ މިހާރު ވަނީ މައްކާއަށް ގޮސްފަ އެވެ.



