އިއްޔެ ސައުދީއަށް ދިޔަ ދިވެހި ހައްޖާޖީންނަށް އުމްރާ ކުރުމުގެ ފުރުސަތު ދީފި އެވެ.
ދިވެހި ޙައްޖު މިޝަންގެ މެންބަރު އަދި، ޖިއްދާގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓްގެ ފަސްޓް ސެކްރެޓަރީ މުޙައްމަދު ރަމީޒު ވިދާޅުވީ، ދިވެހި ހާއްޖާޖީންގެ ތެރެއިން ރޭ ސައުދީއަށް ދަތުރުކުރި ހުރިހާ ހައްޖާޖީންނަށްވެސް އުމުރާ ކުރުމުގެ ފުރުސަތު ދީފައިވާކަމަށެވެ. އެ މީހުން މިހާރު ދަނީ ހަރަމްފުޅަށް ދަތުރުކުރަމުންނެވެ.
އިއްޔެ ސައުދީއަށް ދިޔައީ، ރާއްޖެއިން ހައްޖުގެ އަޅުަކަމަށް ފުރި 295 މީހުންނެވެ. އޭގެތެރޭގައި ޑޮކްޓަރުންނާއި، ނަރުހުންނާއި، އެމްއެންޑީއެފްގެ ބޭފުޅުންނާއި، ހައްޖު ކަވަރޭޖަށް ދިޔަ ދައުލަތުގެ މީޑިއާގެ ޓީމް ހިމެނެއެވެ. ހައްޖު މިޝަންގެ ފަރާތުން ސައުވީހާއި ވާހަކަދެއްކި އެ ކޮމިޝަންގެ މެންބަރު ޒަމްއަތު ވަހީދު ވިދާޅުވީ، ސައުދީގައި ތިބި ހުރިހައި ދިވެހިންގެ ހާލުވެސް ރަނގަޅުކަމަށެވެ.
ރާއްޖެއިން ހައްޖުގެ އަޅުކަމަށް ފުރާ އެހެން މީހުން ތިން ފްލައިޓަކަށް ބަހާލައިގެން ފުރުވާލުމަށް ހައްޖު ކޯޕަރޭޝަން އިން ވަނީ ނިންމާފަ އެވެ. އެއީ، ޖޫން 3، ޖޫން 7 އަދި ޖޫން މަހުގެ 10 ވަނަ ދުވަހު އެވެ. ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަކީލު ސައުވީހަށް، ވިދާޅުވީ މި ތިން ފްލައިޓް ދަތުރުތަކަށްވެސް ފުރިހަމަޔަށް ތައްޔާރުވެފައިވާކަމަށެވެ. މާލެއިން، ހައްޖު ކޯޕަރޭޝަނާއި ސަރުކާރުގެ ހުރިހައި މުއައްސަސާއެއް ގުޅިގެން ހައްޖާޖީންގެ ކަންކަން ކުރަމުން އަންނަ ކަމަށާއި، ސައުދީން ރާއްޖޭ ކޮންސިއުލޭޓް ބޭފުޅުންނާއި، ހައްޖު މިޝަންގެ ބޭފުޅުން ގުޅިގެން ހައްޖާޖީންގެ ކަންކަން އިންތިޒާމު ކުރަމުންދާކަމަށް ޝަކީލް ވިދާޅުވި އެވެ. އަދި ހުރިހައި ޚިދުމަތެއްވެސް ހައްޖާޖީންނަށް ފަސޭހަވާނެ ގޮތަކަށް ފުރިހަމަޔަށް އިންތިޒާމުކޮށްފައިވާ ކަމަށް ޝަކީލް ވިދާޅުވި އެވެ.


