ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތްދޭ ”އެކްސްޕްރެސް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް“ އިން މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވައިދާ ހިލާފުވުމުން ލައިސަންސް ބުރާސްފަތި ދުވަހު ބާތިލުކުރިއިރު، އެއީ މަޝްހޫރު ވިޔަފާރިވެރިޔާ ހާމިދު އިސްމާއީލް (ހާމިދު ސޭޓު) ގެ އާއިލީ މަސްލަހަތު އޮންނަ ކުންފުންޏެއް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް އިން ދައްކާ ގޮތުގައި، 2024 ވަނަ އަހަރު ރަޖިސްޓްރީކޮށްފައިވާ މި ކުންފުންޏަކީ އަހްމަދު ސިނާޒް އަދި އަމްޖަދު އިސްމާއިލްގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. މީގެ އިތުރުން ފިއުލް އެކްސްޕްރެސް މޯލްޑިވްސް ނަމުގައި ވެސް މި ކުންފުނީގެ ހިއްސާ އޮތް ފަރާތްތަކާއި ހާމިދުގެ އަންހެން ދަރިފުޅު ސޫރަ ހާމިދު އިސްމާއީލްގެ ހިއްސާ އޮންނަ ކުންފުންޏެއް ވެސް ޕޯޓަލްގައި ރަޖިސްޓްރީވެފައިވާކަން ދައްކައެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ނެރުނު ބަޔާނެއްގައި ބުނީ އެކްސްޕްރެސް މަނީ އެކްސްޗޭންޖުގެ ލައިސަންސް ބާތިލްކުރީ މަނީ އެކްސްޗޭންޖް ވިޔަފާރިތައް ސުޕަވައިޒްކުރުމުގެ ތެރެއިން، އެ ކުންފުނިން ގަވާއިދާ ހިލާފުވެފައިވާކަން ފާހަގަވުމުން ކަމަށެވެ. އެމްއެމްއޭ އިން ވަނީ ”ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ކުރުމުގައި ގާނޫނާއި ގަވައިދާ އެއްގޮތުގެ މަތިން ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުމަށް މި އޮތޯރިޓީން އިލްތިމާސްކުރަމެވެ،“ ކަމަށް ބުނެފައެވެ. އަދި ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކާ މެދު ކުރިއަށް އޮތް ތަނުގައި ވެސް އެ އޮތޯރިޓީންނާއި ތަންފީޒީ އިދާރާތައް ގުޅިގެން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ވެސް ބަޔާނުގައި ވެއެވެ.
އެމްއެމްއޭގެ ވެބްސައިޓުން އެނގޭ ގޮތުގައި، ޓިއާ 1 ކެޓަގަރީގައި މި ކުންފުންޏަށް ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ އެންމެ ފަހުން ދޫކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުއެވެ. އެ ލައިސަންސްގެ މުއްދަތު އޭޕްރީލް 14، 2031 ގެ ނިޔަލަށް ހަމަވާ ގޮތަށް އޮތް ނަމަވެސް، މުއްދަތު ހަމަވުމުގެ ކުރިން މިހާރު ވަނީ ލައިސަންސް ބާތިލްކޮށްފައެވެ.
މި ކުންފުނީގެ ލައިސަންސް ބާތިލްކޮށްފައި މިވަނީ ޑޮލަރުގެ އަގު ކަޅު ބާޒާރުގައި ވަރަށް ބޮޑަށް އުފުލެމުން ދަނިކޮށް، އެފަދަ ވިޔަފާރިތަކާ ދެކޮޅަށް ގާނޫނު ހަރުކަށިކުރަން ހުށަހަޅާފައި ވަނިކޮށެވެ.




