އައިފިލްސްއިން އަލަށް އުފައްދާ ފިލްމް ”ޕާޓީ“ ގައި ރާއްޖޭގެ މަޝްހޫރު ފިލްމީތަރި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ހަރަކާތްތެރިވާނެކަން އިއްޔެ ހާމަކޮށްފިއެވެ.
މި ފިލްމުގައި އިއްސެގެ ހުރިހާ ސީންތަކެއް މިހާރު ނަގާނިމިފައިވާކަން އިއްޔެ ސޯޝަލް މީޑިއާގައި ހާމަކުރަމުން، އައިފިލްމްސް އިން ބުނީ މިއީ އިއްސެ އެ ޕްރޮޑަކްޝަންއާއެކު ހަރަކާތްތެރިވި ފުރަތަމަ ފަހަރު ކަމަށެވެ.
ތަފާތު އެކި ރޯލުތަކުން ގިނަ ބައެއްގެ ތަރުހީބު ހޯދާފައިވާ އިއްސެގެ އެކްޓިންގައިމެދު އައިފިލްމްސްއިން ބުނެފައިވަނީ، އޭނާ މި ފިލްމުގައި ދައްކުވައިދީފައިވަނީ ހައިރާންކުރުވަނިވި މޮޅު ޕަރފޯމަންސެއް ކަމަށެވެ.
އެ ޕޯސްޓާއެކު އިއްސެގެ ފޮޓޯއެއް ވެސް ހިއްސާ ކޮށްފައިވެއެވެ. އޭނާ ކުޅެނީ ކޮން ކެރެކްޓަރެއްކަން އަދި އައިފިލްމްސް އިން ހާމަނުކުރި ނަމަވެސް، ކޯޓު ފަޓުލޫނު ލައިގެން އިން އެ ފޮޓޯއަށް ބަލައިލުމުން އޭނާއަކީ މި ފިލްމުގައި ބާރުގަދަ މީހެއްކަމަށް ސިފަވެގެން ދެއެވެ. ނަމަވެސް މިއީ މި ފިލްމުގެ ސްލޯގަންއާ އެއްފަދައިން ”ނުދައްކާ ވާހަކައެއް“ ކަމުގައި އައިފިލްމްސް އިން ބުނެއެވެ.
މިއަހަރުގެ ޖޫން މަހު ޝޫޓިން ފަށާފައިވާ ”ޕާޓީ“ ގައި މިހާތަނަށް ހަރަކާތްތެރިވާ ތަރިންކަމަށް ހާމަވެފައިވަނީ، ދިގު ބްރޭކަކަށްފަހު އެކްޓިންގާ އަލުން ގުޅުނު ރާއްޖޭގެ ފިލްމު އިންޑަސްޓްރީގެ ރާނީ ނިއުމާ މުޙައްމަދު އާއި އަލީ އާޒިމް (ދޮން އައްޔަ) އެވެ.
ނިއުމާއާއި ކޮޕީ އިއްސެ އެކުގައި މި ފިލްމުން ފެނިގެންދާއިރު، މިއީ 10 އަހަރުގެ ދިގު މުއްދަތަކަށްފަހު އެ ދެތަރިން އެކުގައި ފެންނާނެ ފުރަތަމަ ފިލްމެެވެ.




