ރާއްޖޭގެ ބޭންކިން ނިޒާމުގައި ދައުރުވާ ރުފިޔާގެ ސާޕްލަސް ލިކުއިޑިޓީ މަދުކުރުމަށް ހިންގި އޯޕަން މާކެޓް އޮޕަރޭޝަންސް މެދުވެރިކޮށް، ތިން ބިލިއަން ރުފިޔާ ނަގާފައިވާ ކަމަށް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ.
މަރުކަޒީ ބޭންކުން 10 އަހަރަށްވުރެ ގިނަ ދުވަސް ފަހުން، ”ރިވާސް ރީޕާޗޭސް އޮޕަރޭޝަން“ ފެށީ މިދިޔަ އަހަރުގެ ޖުލައި 23 ގަ އެވެ. މިއީ ރުފިޔާގެ ސާޕްލަސް ލިކުއިޑިޓީ އިތުރުވެ، ބޭރު ފައިސާ އަށް އޮންނަ ޑިމާންޑް އިތުރުވުމާ އެކު ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ކުރަމުންދާ ނޭދެވޭ އަސަރު ކުޑަކުރަން އެމްއެމްއޭ އިން އެޅި ފިޔަވަޅެކެވެ.
މީގެ ނަތީޖާއެއްގެ ގޮތުން، މިދިޔަ ޖޫން މަސް ނިމުނުއިރު ބޭންކިން ނިޒާމުގައި ރުފިޔާ ސާޕްލަސް ލިކުއިޑިޓީ 39 ޕަސެންޓް ވަނީ ދަށްކުރެވިފައި ކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ.
މީގެއިތުރުން އެމްއެމްއޭ އިން ބުނި ގޮތުގައި، މިދިޔަ އަހަރުގެ ޖޫން މަހު ސާޕްލަސް ލިކުއިޑިޓީގެ ގޮތުގައި އެވަރެޖްކޮށް ހަތް ބިލިއަން ރުފިޔާ ހުރިއިރު، މި އަހަރުގެ ޖޫން މަސް ނިމުނުއިރު މި އަދަދު ވަނީ ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާއަށް ދަށްވެފައެވެ.




