ލައިގެން ހުރި ހަރުވާޅުގެ ޖީބުން މަސްތުވާތަކެތި ފެނުނު 46 އަހަރުގެ އަންހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކޮށްފިއެވެ.
މާލޭގެ މަގުމަތިން އަމަލުތައް ހުރިގޮތުން ޝައްކުކުރެވިގެން ފުލުހުން ހުއްޓުވައި ފާސްކުރިއިރު، މަސްތުވާތަކެތި ފެނުނު މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ގއ. ދާންދޫ، ނޫވިލާ، ޝަޒިއްޔާ އިބްރާހީމެވެ. އޭނާގެ މައްޗަށް ފުލުހުން ކުރަނީ މަސްތުވާތަކެތި ބޭނުންކުރުމާއި، އަތުގައި ބެހެއްޓުމުގެ އިތުރުން އޭގެ ވިޔަފާރިކުރުމުގެ ތުހުމަތެވެ. ކޯޓަށް ހުށަހަޅާފައިވާ ހެކިތަކަށް ރިއާޔަތްކޮށް، އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، ފުލުހުން އޭނާ ހުއްޓުވީ މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔައިރު އޭނާގެ ހަރަކާތްތައް ހުރިގޮތުން ޝައްކު އުފެދިގެންނެވެ. ބަލާފާސްކުރިއިރު އޭނާ ލައިގެންހުރި ހަރުވާޅުގެ ވައަތްފަރާތު ކުރިމަތީ ޖީބުގައި އޮތް ޓިޝޫއެއްގެ ތެރޭގައި ފޮރުވާފައިވާ މަސްތުވާތަކެތި ކަމަށް ބެލެވޭ ސެލޯފިންކޮޅެއް ވަނީ ފެނިފައެވެ. މީގެ އިތުރުން، އޭނާގެ ކުޑަކަމުދާ ތަކެތި ޓެސްޓުކުރުމުން ގިނަ ބާވަތްތަކެއްގެ މަސްތުވާތަކެއްޗަށް (އޭއެމްޕީ، އޯޕީއައި، ބެންޒޯ، އަދި ސީއޭޓީ) ވަނީ ޕޮޒިޓިވްވެފައެވެ.
ޝަރީއަތުގެ މަޖިލީހުގައި އޭނާ ވަނީ މަސްތުވާތަކެތި ބޭނުންކުރާކަމަށް އިއުތިރާފުވެ، އެކަމަށް ފަރުވާ ބޭނުންވާކަން ހާމަކޮށްފައެވެ. ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަތައް އިންތިހާއަށް އިތުރުވެފައިވާއިރު، ކުދި ރަބަރު ޕެކެޓުތަކުގައި މަސްތުވާތަކެތި އުފުލައި ވިއްކުމަކީ ވަރަށް އާންމުކޮށް ހިނގަމުންދާ ކަމެކެވެ. މިފަދަ މައްސަލަތަކުގެ ޝިކާރައަކަށްވެ، ގިނައިން ހައްޔަރުކުރެވެނީ ޒުވާނުންނާއި ކުޑަކުދިންކަން ފާހަގަކުރެވެއެވެ.




