ހއ. އުލިގަމުގައި ޒަމާނީ ފެންވަރުގެ ޔޮޓް މެރީނާއެއް ތަރައްޤީކޮށް ހިންގުމަށް ބޭނުންވާ ބިން ކުއްޔަށް ހިފުމާ ގުޅޭގޮތުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި އުލިގަން ކައުންސިލާ ދެމެދު ބިން ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެކަމަށް މިއަދު އެމްޕީއެލްގެ ހެޑް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި އެމް.ޕީ.އެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީ.އީ.އޯ ކެޕްޓަން ހުސައިން ޝަފީޤެވެ. އަދި އުލިގަން ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްގެ ރައީސް އަޞަދުއްﷲ މުޙައްމަދެވެ.
މި އެއްބަސްވުމަކީ ހއ. އުލިގަމުގައި ޔޮޓް މެރީނާއަކާއި އަދި އެއާއި ގުޅުންހުރި އުމްރާނީ ވަޞީލަތްތައް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހަވާލުކުރުމަށް ވެވުނު އެއްބަސްވުމެކެވެ. މިގޮތުން ”އުލިގަން ޔޮޓް މެރީނާ ޕްރޮޖެކްޓް“ ތަރައްޤީކުރުމަށްޓަކައި، އެ ރަށުން ގާތްގަނޑަކަށް 70،471 އަކަމީޓަރުގެ ބިން އެމް.ޕީ.އެލްއަށް ކުއްޔަށް ދިނުމަށް ވަނީ އެއްބަސްވެފައެވެ.
މި މަޝްރޫޢަކީ އުލިގަމަށް އަންނަ ޔޮޓްތަކަށް ދެވޭ ޚިދުމަތްތައް ފުޅާކޮށް، ފަތުރުވެރިކަމާއި، ވިޔަފާރީގެ ޙަރަކާތްތައް އިތުރުކޮށް، އިޤްތިޞާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދައިދިނުމަށް އަމާޒުކޮށްގެން ހިންގޭ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރެވޭ ޔޮޓް މެރީނާގައި ޒަމާނީ ފެންވަރުގެ ގިނަގުނަ ވަޞީލަތްތަކާއި ޚިދުމަތްތައް ޤާއިމުކުރުމަށް ވަނީ ރޭވިފައެވެ. މީގެއިތުރުންވެސް އެހެނިގެން އުމްރާނީ ވަޞީލަތްތައް ޤާއިމްކުރުމަށްވަނީ ނިންމާފައެވެ.
މި މަޝްރޫޢާއެކު، ދިވެހިރާއްޖޭގެ އެންމެ އުތުރުގެ ސަރަޙައްދުގައި މެރިޓައިމް އިޤްތިޞާދު އިތުރަށް ފުޅާވެ، ފަތުރުވެރިކަމާއި އަދި ސަރަޙައްދީ ވިޔަފާރިއަށް އިންޤިލާބީ ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.



