އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު އައްޔަނުކުރަން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
އަބްދުލްއަޒީޒް ޖަމާލްއާ އިންޓަވިއުކުރުމަށްފަހު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެންބަރުން ވަނީ އޭނާއަށް 75 ޕަސެންޓަށްވުރެ މަތިން މާކްސް ދީފައެވެ. އެއާއެކު އޭނާގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ފަސް މެންބަރުންގެ ތާއީދާއެކުއެވެ.
އޭނާގެ ނަން ތަޅުމަށް ފޮނުވަން ނުފެންނަ ކަމަށް ވޯޓު ދެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އެކަންޏެވެ. އަދި އޭނާއާ ގުޅިގެން ޝަކުވާ ހުށަހަޅަން ހަ ގަޑިއިރުގެ ކުރު މުއްދަތެއް ދިނުމަށްފަހު އިއްޔެ އިރުއޮއްސި 6:00 ގައި ވަނީ އެ ފުރުސަތު ބަންދުކޮށްފައެވެ.
ކޮމިޓީ ބައްދަލުވުމުގައި މަޖިލީހުގެ އިދާރާއިން ބުނީ، ސިޔާސީ މަގާމެއް ފުރުއްވާ ބޭފުޅަކަށް އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު އަދާނުކުރެވޭނެ ކަމަށް ގާނޫނުގައި އޮންނާތީ، އެ މަގާމަށް އަބްދުލްއަޒީޒް އައްޔަނުކޮށްފި ނަމަ މިހާރު ހުންނެވި މަގާމު ދޫކޮށްލަން އިގުރާރު ކުރުވާފައިވާ ކަމަށާއި އޭނާގެ ޝަރުތު ހަމަވާ ކަމަށެވެ.



