ޖުލައި 9 ވަނަ ދުވަހުގެ ރޭ، އިއްޒުއްދީން ފާލަމާ ދިމާ ބޭރުން ”ލީޖަން 1“ ނަމަކަށް ކިޔާ ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓަށްފަހު، އެ ދޯނި މަޑުނުކޮށް ފިލި ދޯނި ފުލުހުން ހޯދައިފިއެވެ.
ފުލުހުން މިއަދު ބުނީ ޖުލައި 9 ވަނަ ދުވަހުގެ ރޭ، އިއްޒުއްދީން ފާލަމާ ދިމާ ބޭރުން ”ލީޖަން 1“ ނަމަކަށް ކިޔާ ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓަށްފަހު، އެ ދޯނި މަޑުނުކޮށް ފިލައިގެން ދިޔުމާ ގުޅިގެން، އެ އުޅަނދު ދެނެގަނެ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެގޮތުން ކުރި މަސައްކަތުގެ ތެރެއިން، 2026 އޯގަސްޓް 22 ވަނަ ދުވަހުގެ ހަވީރު 17:52 ހާއިރު އެ ދޯނި ހުޅުމާލެ ފަޅުގައި އަޅާފައި އޮއްވާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ އެ އުޅަނދު ބަލައި ފާސްކޮށް، ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް އެއްކޮށްފައެވެ. އަދި ކަށަވަރުކުރަންޖެހޭ ކަންކަން ކަށަވަރުކުރުމަށްފަހު، މި ހާދިސާއާ ގުޅިގެން ދޯނީގެ ކެޕްޓަންއާ ވަނީ ސުވާލުކޮށްފައެވެ.
މީގެއިތުރުން، ތަހުގީގީ މަރުހަލާގެ ތެރެއިން ކެޕްޓަންގެ ލައިސަންސްވެސް މިހާރު ވަނީ ހިފަހައްޓާފައި ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ދިވެހި ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



