ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ މުސާރަ ބެންކު އެކައުންޓުތަކަށް ޖަމާކުރަން މަޖުބޫރުކޮށްފިއެވެ.
ހޯމް މިނިސްޓްރީން މިއަދު ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވައިދަށް ގެނައި އިސްލާހުގައި ވަނީ، އެ ގަވައިދުގެ 58 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކޮށްފައެވެ.
އިތުރުކުރި އަކުރުގައި ބުނެފައި ވަނީ، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ މުސާރަ ދެން ޖަމާކުރަން ޖެހޭނީ، މަރުކަޒީ ބެންކު (އެމްއެމްއޭ)ގައި ރަޖިސްޓްރީކޮށްފައިވާ ނުވަތަ އެ އޮތޯރިޓީން ހުއްދަ ދީފައިވާ އެ މުވައްޒަފެއްގެ ބެންކު އެކައުންޓަށް ކަމަށެވެ.
މި ގަވައިދަށް އަމަލުކުރަން ފަށާނީ، މިއަދުން ފެށިގެން 30 ދުވަސް ފަހުންނެވެ.
މީގެކުރިން ވެސް، ބިދޭސީންގެ މުސާރަ އެކައުންޓަށް ޖަމާކުރަން އިސްލާހު ހުށަހެޅިއެވެ. އަދި އެކަން ނުކޮށްފިނަމަ، ވަޒީފާދޭ ފަރާތް 10،000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ވެސް ކުރިއެވެ.




