ބިމާއި ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން މަޢުލޫމާތު ފުށުއަރާ ފަރާތްތަކަށް ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށް އެކަން އަންގަން ފަށައިފިއެވެ.
ހައުސިންގް މިނިސްޓްރީން ވަނީ ގަވާއިދުން ޕޯޓަލް ޗެކް ކުރަމުން ގެންދިއުމަށް ފޯމު ހުށަހެޅި ފަރާތްތަކަށް އިލްތިމާސް ވެސް ކުރައްވާފައެވެ.
ފުލެޓާއި ގޯއްޗަށް އެދި ފޯމު ހުށައެޅުމާ ގުޅޭ އެންމެހާ މަރުހަލާތައް ނިމި، މިހާރު ކުރިއަށްދަނީ އެޕްލިކަންޓުންގެ ގޯތި ގެދޮރާއި ބިންވެރިކަމާގުޅޭ މަޢުލޫމާތުތައް ކަށަވަރު ކުރުމުގެ މަސައްކަތްތަކެވެ.
ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ މަޝްރޫޢަށް 58،585 ފޯމު ހުށަހަޅާފައިވާއިރު، މިހާރު ކުރިއަށްދަނީ ފޯމުތައް ވެރިފައި ކުރުމުގެ މަރުޙަލާއެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށު ކައުންސިލުތައް، ސިޓީ ކައުންސިލުތައް އަދި އެހެނިހެން އިދާރާތަކުގައިވެސް ހުރި ގޯތިގެދޮރުގެ ރަޖިސްޓްރީއާ ގުޅޭ މަޢުލޫމާތުތައް އެއްކޮށްފައިވާ ކަމަށެވެ.
މީގެތެރެއިން ރަޖިސްޓްރީއާ ގުޅިގެން ފުށުއަރާ މީހުންނަށް އެކަން އަންގާ، އެކަމަށް ޖަވާބުދާރީވުމަށް ފުރުޞަތު ދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، މި މަޢުލޫމާތު ބަލާނީ މުޅިން އޮޓަމޭޓެޑް ޕްލެޓްފޯމަކުން ކަމަށެވެ. މިގޮތަށް މަޢުލޫމާތު ފުށުއަރާ ފަރާތްތަކަށް އަންގާނީ، ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށެވެ.
މަޢުލޫމާތު ފުށުއަރާ މީހުން، އެކަމަށް ޖަވާބުދާރީވުމަށް 7 ދުވަހުގެ މުއްދަތެއް ދިނުމަށް ނިންމާފައިވަނީ، މިހާރު ރާއްޖޭގެ ކަމާގުޅޭ ބައެއް އިދާރާތަކުގައި ހުރި މަޢުލޫމާތުތަކަކީ އެންމެ ރަނގަޅަށް ބަލަހައްޓާ، އަދާހަމަ ކުރެވިގެން އައިސްފައިވާ މައުލޫމާތުތަކަށްނުވާތީ، އެކަން ފޯމުގެ ވެރިފަރާތައް އަންގާ އެއަށް ޖަވާބުދާރީވުމަށް ފުރުޞަތު ދިނުމަށެވެ.




