ލޯކަލް ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހުންނަ ބިންތައް ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށްޓަކައި އަތުލާއިރު، އިންވެސްޓްމަންޓަށް ބަދަލު ދޭންޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ރޭގައި ބިލް ފާސްކޮށްފިއެވެ.
މި ބިލު ހުށަހަޅުއްވާފައިވަނީ ވަކި ޕާޓީއަކަށް ނިސްބަތްނުވާ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާނު އެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ ތާއީދާ އެކު މި ބިލު ފާސްކުރީ ލާމަރުކަޒީ ކޮމިޓީން ރޭ ކުއްލި ގޮތަކަށް ބޭއްވި ބައްދަލުވުމެއްގައެވެ.
ވަޒީރުންގެ މަޖިލީހުން ނިންމާ ނިންމުމަކުން، ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށްޓަކައި ކައުންސިލްތަކުގެ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ލާމަޒުކަޒީ ގާނޫނު ބަދަލުކުރަން ހުށަހެޅުއްވި އެ ބިލަށް ރޭގެ ބައްދަލުވުމުގައި ދެތިން އިސްލާހެއް ހުށަހެޅި އެވެ. އަދި ކޮމިޓީގައި ބިލް ފާސްކުރީ ރޭ ހުށަހެޅި އިސްލާހަކާ ވެސް އެކުގައެވެ.
ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ހުށަހެޅި އެ އިސްލާހުގައި އޮތީ ކައުންސިލުން ވަކިކުރާ ބިމުގައި ކައުންސިލުން ނުވަތަ އެހެން ފަރާތަކުން އިންވެސްޓްމެންޓެއް ކޮށްފައިވާނަމަ، ފިނޭންސް މިނިސްޓްރީން ހުށަހަޅާ އެކަށީގެންވާ ބަދަލެއް ދޭންޖެހޭ ގޮތަށެވެ.



