ރާއްޖެ އައި އެމެރިކާ ރައްޔިތެއްގެ ދަބަހުން ވަޒަންތަކެއް އަޅާފައިވާ މެގަޒިނެއް ފެނުމާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ކޮބޯލް ބްރިޓެއިން ޓައިލަރ ނަމަކަށް ކިޔާ އުމުރުން 36 އަހަރުގެ ފިރިހެނެކެވެ.
އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ރާއްޖެއަށް އެތެރެވިއިރު ގެނައި ލަގެޖު ބަލައި ފާސްކުރިއިރު، ހަތިޔާރަށް ލައްވާ ޒާތުގެ ވަޒަންތަކެއް ހުރި މެގަޒިނެއް ފެނުނު މައްސަލައެވެ.
މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި، ފުލުހުން މިހާރު ދަނީ މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގަމުންނެވެ.



