ދެމެހެއްޓެނިވި އަދި މާނަހުރި ގޮތެއްގައި ޤައުމުގެ ކަންކަން އިސްލާޙުކުރާކަމަށްވަންޏާ، ވާހަކަ ދެކެވެންޖެހޭނީ ކަންކަމުގެ ޙަޤީޤަތަށްކަމަށާއި، ޤައުމުގައި ހުރި މައްސަލަތައް ޙައްލުކުރުމަށްޓަކައި އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު އެކަންކަމާ ކުރިމަތިލައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ދައުލަތުގެ މީޑިއާއިން ގެނެސްދޭ ސިލްސިލާ ޕޮޑްކާސްޓް ”ނޭޝަންޗެޓް“ ގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރޭގައު ގެނެސްދިން އެ ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، މި ދުވަސްވަރު ޤައުމުގައި ހިނގަމުންދާ ކަންކަމަށް ތަފްސީލީ ގޮތެއްގައި އަލިއަޅުއްވާލައްވާފައެވެ.
މިމޭރުމުން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އިގުތިޞާދު ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، އޭގެ ތެރޭގައި ޑޮލަރާ ގުޅޭ ސިޔާސަތުތައް ވަކިގޮތްތަކަކަށް ބައްޓަންކުރުމާއި ކުރިން ގާނޫނުގައި އޮވެ ތަންފީޒުނުކުރެވި ހުރި ކަންކަން ހަރުދަނާ އުސޫލެއްގެ ދަށުން ތަންފީޒުކުރުމުގެ މަސައްކަތް ހިމެނޭކަމަށެވެ.
ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅަކާއި ގާނޫނުތަކަށް ގެންނަ އިސްލާހުތަކަކީ ވެސް ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް ގެންނަ ބަދަލުތަކެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިއީ ތަޢުލީމީ އަދި ފަންނީ ތަޖުރިބާކާރުންގެ ޓީމުތަކުން، ގިނަ ދުވަސްތަކެއް ވަންދެން ކުރާ މަޝްވަރާތަކާއި ޓެކްނިކަލް ދިރާސާތަކަށް ފަހު، ހަރުދަނާ އުސޫލުތަކުގެ ތެރެއިން ނިންމާ ނިންމުންތަކެއްކަމުގައިވެސް ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ އަމާޒަކީ އިގުތިޞާދު ފުޅާކުރުން ކަމަށާއި، ކުރިއެރުމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. އަދި ބޭރު ފައިސާގެ މައްސަލަތައް ހައްލުކުރުމަށް އަޅުއްވާ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ ކަމަށާއި، ސިޔާސީ ގޮތުން ވާހަކަތަކެއް ދެކެވުނުކަމުގައިވީނަމަވެސް، ޖުމްލަ ނަތީޖާ ރަނގަޅުވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.



