އެމްޑީޕީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ހިސާން ހުސައިން އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
އޭނާ އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި، އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދަށް ވަނީ އިސްތިއުފާގެ ސިޓީ ފޮނުއްވާފައެވެ.
ހިސާން މި މަގާމަށް އައްޔަންކުރީ 2024 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެ މަގާމަށް އޭނާ އައްޔަންކުރީ، އޭގެ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާޒު މަގާމުން އިސްތިއުފާ ދެއްވައި ޕާޓީން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ.
ހިސާން ފޮނުއްވި ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި، އެމްޑީޕީގެ އަސާސީ ގަވާއިދު މިހާރު އޮތް ގޮތުން ޕާޓީގެ ނައިބު ރައީސްގެ މަގާމަކީ އާންމު މެންބަރުންގެ ސީދާ ވޯޓަކުން އިންތިހާބުކުރާ މަގާމެއް ނޫނެވެ. އެއީ ޕާޓީގެ ރައީސްގެ ހުށަހެޅުއްވުމަށް، ގައުމީ މަޖިލީހުގެ ރުހުމާއެކު އައްޔަންކުރާ މަގާމެކެވެ.
އެހެންކަމުން، އޭނާގެ މަގާމުގެ ހައިސިއްޔަތާއި މެންޑޭޓް ގުޅިފައިވަނީ ނަން ހުށަހެޅުއްވި ޕާޓީގެ އޭރުގެ ރައީސް އަބްދުالله ޝާހިދުގެ މެންޑޭޓާ ކަމަށް ހިސާން ވިދާޅުވިއެވެ.
ޕާޓީގެ ރައީސް މަގާމުން އިސްތިއުފާ ދެއްވުމުން، ޑިމޮކްރަސީގެ ރިވެތި އުސޫލުތަކާއި ހަމަތަކަށް ރިއާޔަތްކުރާއިރު، އާ މެންޑޭޓެއް ނެތި ނައިބު ރައީސްގެ މަގާމުގައި ދެމިހުރުމަކީ ޑިމޮކްރަސީގެ އަސާސްތަކާ އެކަށީގެންވާ ކަމެއް ކަމަށް ނުދެކޭ ކަމަށް ހިސާން ވިދާޅުވިއެވެ.



