ރާއްޖޭގައި ހިންގާ ހުރިހާ ބޭންކުތަކާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާ ދެމެދު ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) ވެރިފިކޭޝަން އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.
އެމްއެމްއޭގައި ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކުރި މި އެއްބަސްވުމުގެ ދަށުން، ރާއްޖެއަށް އިމްޕޯޓުކުރާ މުދަލާއި ރާއްޖެއިން އެކްސްޕޯޓުކުރާ މުދަލާގުޅޭގޮތުން، ބޭންކުތައް މެދުވެރިކޮށް ހިންގާ ވިޔަފާރި ޓްރާންސެކްޝަންތަކުގެ މައުލޫމާތު، ބޭންކުތަކާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާ ދެމެދު ބަދަލުކުރާނެ ސިސްޓަމެއް ގާއިމުކުރެވިގެންދާނެއެވެ.
މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ، މުދާ އެތެރެކުރުމަށް ޓީ.ޓީ މެދުވެރިކޮށް ކުރާ ފައިސާގެ މުޢާމަލާތްތަކާއި، އަދި އެތެރެކުރެވޭ މުދަލުގެ މަޢުލޫމާތު ދިމާވޭތޯ ބެލުމުގެ ނިޒާމު ހަރުދަނާކޮށް ވިޔަފާރިއާ ގުޅުންހުރި މާލީ މުޢާމަލާތްތަކުގެ ސައްހަކަން ކަށަވަރުކުރުމެވެ.
މި ފަހުމުނާމާގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާއެވެ. އަދި ބޭންކުތަކުގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުތަކުގެ ސީ.އީ.އޯ އިންނާއި މެނޭޖިންގ ޑައިރެކްޓަރުންނެވެ.
މި މަސައްކަތް ވިލަރެސްކުރާނީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިންނެވެ.




