ހުޅުމާލޭގެ ދެ ފިޔަވަހީގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 50 އަށްވުރެ ގިނަ މީހުން ބަލައިފާސްކޮށް، ލިޔެކިޔުން ފުރިހަމަނުވާ ދެ މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ފަށާފައިވާ ހަރަކާތް ”މައިގްރޭޝަން މޮނިޓަރިންގ އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް“ ގެ ނަމުގައި ހުޅުމާލޭގެ ފޭސް އެކެއް އަދި ދޭއްގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި ޖުމްލަ 53 ބިދޭސީއެއްގެ ކަންކަން އިމިގްރޭޝަނުގެ އޮފިސަރުން ވަނީ ތަޙުޤީޤުކޮށްފައެވެ.
އޭގެ ތެރެއިން ހައްޔަރުކޮށްފައި ވަނީ ރާއްޖޭގައި އުޅުމުގެ ހުއްދަ ނެތި ދިރިއުޅެމުންދިޔަ ދެ މީހެކެވެ. މިއީ މުޅި ރާއްޖޭގައި ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސިލްސިލާކޮށް ކުރިއަށްގެންދާ މަސައްކަތުގެ ބައެކެވެ.
ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތު ދެއްވާ ގޮތުގައި، މިފަދަ ކުއްލި ފާސްކުރުންތަކުގެ މައިގަނޑު ބޭނުމަކީ ޤާނޫނާ ޚިލާފަށް ބިދޭސީން ހިންގަމުންގެންދާ ވިޔަފާރިތައް ހުއްޓުވުމާއި، މުޖުތަމަޢުގެ ރައްކާތެރިކަމުގެ އިތުރުން އާންމު ޞިއްޙަތު ޙިމާޔަތްކުރުމެވެ.
ލިޔެކިޔުން ނެތި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށް ސަރުކާރުން މިހާރު ވެސް ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން 294،000 ބިދޭސީއެއްގެ މަޢުލޫމާތު މިހާތަނަށް އެއްކޮށްފައިވާއިރު، އިމިގްރޭޝަނުން ވަނީ ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 12،000 އަށްވުރެ ގިނަ ބިދޭސީން އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލާފައެވެ.




