ލ. މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ މާރާލި މޫސާ އިބްރާހީމް މަރާލި މައްސަލާގައި ދައުވާކޮށްފައިވާ މުހައްމަދު އިބްރާހީމް ލައްވައި މޫސާ އިބްރާހިމް މަރާލި ގޮތް ކޯޓުގައި ކުޅުއްވުމަށްފަހު، އޭނާ މެރުމަށް ކްރިމިނަލް ކޯޓުން މިދިޔަ ހޯމަ ދުވަހު ހުކުމްކޮށްފިއެވެ.
މާވަށުގައި 28 ޖުލައި 2025ގައި ހިންގި މާރާމާރީއެއްގައި މަރުވި މޫސާ، 29، ނަލަހިޔާ/މާވަށް، ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ވަނީ މަރުވެފައެވެ.
އެ މައްސަލާގައި މުހައްމަދު އިބްރާހީމް، 29، އަަސަރީމަންޒިލް/ހދ. ނޮޅިވަރަންފަރުގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލި އެވެ. އަދި އޭނާ ދައުލަތާއެކު އިއުތިރާފް އެއްބަސްވުމެއްގައި ވެސް ސޮއިކުރި އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުހައްމަދު ކުރެއްވި ހުކުމުގައިވާ ގޮތުން، ޝަރީއަތުގެ މަރުހަލާގައި މުހައްމަދު އިބްރާހީމް އިއުތިރާފުވީ ކުށުގެ އެންމެ ރުކުނެއް ކަމަށްވާ ހަމަލާ ދިނުމުގެ ކުށަށް އެކަންޏެވެ. އެކަމަކު ހަމަލާ ދިނީ މަރާލުމުގެ ގަސްތު އޮވެގެން ނޫން ކަމަށް އޭނާ ތަކުރާރުކޮށް ބުނާތީވެ، އިއުތިރާފުގެ އެއްބަސްވުން ޝަރީއަތަށް ބަލައެއް ނުގަތެވެ.
މޫސާ މަރުވީ މުހައްމަދުގެ ހަމަލާއިން ކަން އިތުރަށް ޔަގީންކުރުމަށް ޝަރީއަތުން ބޭނުންވީ ހަބީރެއްގެ ކުރިމަތީގައި ހަމަލާ ދިން ގޮތް ކުޅުވުމަށެވެ. މުހައްމަދު އިބްރާހީމްގެ ރުހުމާ ވެސް އެކު، ކޯޓަށް ޑިމޮންސްޓްރޭޝަން އެވިޑެންސްގެ ގޮތުގައި މަންޒަރުތައް ކުޅުވަން ނިންމީ:
° ކުށުގެ އަމަލު ހިންގި ގޮތް މުހައްމަދު ކިޔައިދެމުން ދިޔައިރު، ޝަރީއަތުން އިތުރަށް އޮޅުންފިލުވުމުގެ ގޮތުން ކުރާ ބައެއް ސުވާލުތަކަށް މުހައްމަދު ސާފު ޖަވާބެއް ނުދޭތީ
° މެޑިކަލް ލީގަލް ރިޕޯޓާއި، ސީން އޮފް ކްރައިމް އޮފިސަރުންގެ ރިޕޯޓާއި، ޕޯސްޓްމޯޓަމް ރިޕޯޓްގައި މޫސާއަށް ލިބިފައިވާ އަނިޔާތަކާ ގުޅޭ ގޮތުން ހުރި ވާހަކަތަކާއި މުހައްމަދު ދައްކާ ވާހަކަތަކާ ގުޅުންހުރި ވަރު އިތުރަށް ބެލުމުގެ ގޮތުން
އެ މަންޒަރު ކުޅުވީ، މަރުވި ފަރާތާ ގާތްގަނޑަކަށް އެއް އިސްކޮޅެއް ހުރި މީހަކު ބޭނުންކޮށްގެން އެއްގޮތް އަމަލުތައް މަންޒަރު ކުޅުވައިގެންނެވެ.
ވަޅި އޮތީ ކަނާތުގައި ކަމަށް ބައެއް ފަހަރު ބުނާތީއާއި ބައެއް ވާތް ކަމަށް ބުނާތީ ދެ އަތުން ވެސް ހަމަލާ ދޭ ގޮތް ކުޅުވާފައިވެއެވެ.
މީގެއިތުރުން ވަޅި ހެރީ ފަހަތުން ގަމީސް ދޫވި ގޮތަށް ކަމަށް ބައެއް ފަހަރު ބުނާއިރު ގަމީސް ފޮޅާލީ މޫސާގެ ދިމާއަށް އެނބުރިފައިވާ ކަމަށް ބުނާތީ އެ ދެ ގޮތަށް ވެސް ކުޅުވިއެވެ.
މި މަންޒަރުތައް ކުޅުވީ ފޮރެންސިކް ޕެތަލޮޖިސްޓެއްގެ ކުރިމަތީގައެވެ. މަންޒަރު ކުޅުވުމަށްފަހު ހަބީރެއްގެ ގޮތުގައި އޭނާގެ ހެކިބަސް ނެގިއެވެ. ހަބީރުގެ ހެކިބަހުގައި ކަރުގެ ނާރުތައް ފަޅައިގެން ދިޔައީ ތޫނު އެއްޗަކުން ދިން ހަމަލާއަކުން ކަމާއި އޭގެ ސަބަބުން ހަށިގަނޑުގެ ލޭ ހުސްވެގެން ދިޔަކަން ފާހަގަކުރިއެވެ.




