ޝްރީ ލަންކާއިން ރޭގައި ރާއްޖެއައި ޔޫއެލް 103 ފްލައިޓުން ދަތުރުކުރި ބިދޭސީ މީހަކު އިނީ މަސްތުގެ ހާލަތުގައި ކަމަށާއި އެ ފްލައިޓުގައި އިން ކުޑަ ފިރިހެން ކުއްޖެއްގެ ގައިގައި އަތްލާ އެ ކުއްޖާއަށް އޭނާ ފުރައްސާރަ ކުރިކަންވެސް ހާމަވެއްޖެއެވެ.
އެ ފްލައިޓުން ރޭގައި ދަތުރުކުރި އެހެން ޕަސިންޖަރަކު ”ސައުވީސް“ އަށް މައުލޫމާތު ދެމުން ބުނީ، މަސްތުގެ ހާލަތުގައި ހުރެ ފްލައިޓުން ދަތުރުކުރި އެމީހާއަކީ މަޝްރޫއަކަށް މަސައްކަތް ކުރަން ރާއްޖެ ގެނައި ޝްރީ ލަންކާ ރައްޔިތެއްކަން އެނގިފައިވާ ކަމަށެވެ.
އެމީހާ ފްލައިޓަށް އެރިވަގުތުން ފެށިގެން ވެސް އެހެން ޕަސިންޖަރުންނަށް ދުއްތުރާކުރި ކަމަށާއި އެކަން ވަގުތުކޮޅަކަށް ހުއްޓާލީ ފްލައިޓުގެ ކްރޫއިން އިންޒާރު ދިނުމުން ކަމުގައި މައުލޫމާތު ދިން މީހާ ބުންޏެވެ.
ނަމަވެސް ފްލައިޓު ނައްޓާލުމަށްފަހު ވީއައިއޭއަށް ޖެއްސުމާ ހަމަޔަށް އޭނާގެ އުނދަގޫ ކައިރީގައި ތިބި ޕަސިންޖަރުންނަށް ޖެހުނުކަމަށް ވެސް ބުނެފައިވެއެވެ.
”އަހަރެން އިށީންދެގެން އިން ސީޓުގެ ފަހަތުގައި ވެސް ވަރަށް ފައިން ތެޅި. ހުއްޓާލަން ބުނީމަވެސް ހަޑިހުތުރު ބަހުން ވާހަކަ ދައްކައި އެކަން ކުރިއަށްގެންދިޔަ. އެންމެފަހުން އަހަރެން ރުޅިއައިސްގެން ތެދުވެ، ދެން ސީޓުގަ ޖަހައިފިއްޔާ ހަމަލާއެއް ދޭނެކަމަށް ބުނެ އިންޒާރު ދިނީމަ ހުއްޓާލީ“ މައުލޫމާތު ދިން މީހާ ބުންޏެވެ.
މީގެއިތުރުން އެ މީހާވަނީ އޭނާގެ ސީޓާ ޖެހިގެން އިން ސީޓުގައި އިން އުމުރުން 15 އަހަރުގެ ކުޑަ ފިރިހެން ކުއްޖެއްގެ ގަޔަށް އަތްލައި، އެ ކުއްޖާ ބިރުވެރިކަމަކަށް ވައްޓާލާފައި ކަމަށް ވެސް މަންޒަރު ދުށް ބައެއް މީހުން ބުނެފައިވެއެވެ. އެނގިފައިވާ ގޮތުގައި، އެއީ ބިޒްނަސް ކްލާސްގައި ކަމަށްވުމުން އެ ކުއްޖާ ދަތުރުކުރީ އެކަންޏެވެ.
މަސްތުގައި ހުރި އެ ބިދޭސީމީހާގެ އުނދަގޫ ފްލައިޓު ޖެއްސުމާ ހަމައިން ނުނިމޭ ކަމަށާއި، އޭގެފަހުން ވެސް އޭނާގެ އުނދަގޫ ޖެހުނުކަމަށް މައުލޫމާތު ދިން ފަރާތުން ކިޔައިދިނެވެ. އެގޮތުން އެތަނުގައި މަސައްކަތް ކުރި އެމްއޭސީއެލްގެ މުވައްޒަފުންނާ ދިމާލަށް ހަޑިހުތުރުބަހުން ވާހަކަ ދެއްކިކަމަށާއި ޓެކްސީ ކިޔުއާ ހަމައަށް ދެވެންދެންވެސް އޭނާގެ އަމަލުތައް ހުރީ އެހެންކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
މި މައްސަލައާ ބެހޭގޮތުން ފުލުހުން ރޭގައި މީޑިއާ ތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ފްލައިޓެއްގައި އިން މީހަކު އެހެން މީހެއްގެ ގައިގައި އަތްލި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ސޯޝަލް މީޑިއާއިން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެހެންވެ އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އިތުރު ތަފްސީލެއް މިކަމާ ބެހޭގޮތުން ފުލުހުން އަދި ދީފައެއް ނުވެއެވެ.



