މާލޭ ބުރުޒު މަގުގައި ހުރި ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި، އެ ފިހާރައިން ކޮފީ ޕެކެޓުތަކަކާއި ޗޮކުލެޓުތަކެއް ވަގަށްނެގި މައްސަލައެއްގައި މީހަކު 11،200 ރުފިޔާ އިން ޖޫރިމަނާކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ނެރުނު ހުކުމެއްގައި ބުނެފައިވަނީ މި މައްސަލައިގައި ދައުވާކޮށްފައިވާ ދެ މީހުންނަކީ ހުސައިން ޝާއިފް/ ބ. ދަރަވަންދޫ ، ވިދުވަރުގެ އާއި އަބްދުލް ވާހިދު އިބްރާހިމް / ޅ. ކުރެންދޫ މަޒާއެވެ. މި ދެ މީހުންގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ ވައްކަން ކުރުމުގެ ކުށުގެ ދައުވާއެވެ.
ހުސައިން ޝާއިފް ކުށަށް އިއުތިރާފް ވެފައިވާއިރު ކޯޓުން އަދި އަދަބު ކަނޑައެޅީ އޭނާގެ މައްޗަށް އެކަންޏެވެ. އެ ގޮތުން ކުށުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް ކުށަށް އިއުތިރާފް ވެފައިވާތީ ކުށުގެ އަސާސީ މިންގަނޑުން އެއް ދަރަޖަ ދަށް ކުރުމަށް ކޯޓުން ނިންމުމުގެ އިތުރުން ކުށް ކުރުމުގައި އަނިޔާ ކުރުމުގެ އަމަލެއް ނުހިމެނޭތީ އިތުރު އެއްދަރަޖާ އެކު ޖުމްލަ ދެ ދަރަޖަ ދަށް ކުރުމަށް ކޯޓުން ވަނީ ނިންމާފައެވެ.
އަދި ޝާއިފްގެ މައްޗަށް ކަނޑައެޅޭ ޖަލު އަދަބު ޖޫރިމަނާ ގެ އަދަބަށް ބަދަލު ކުރުމަށް ކޯޓުން ނިންމާފައިވާއިރު، އެގޮތުން އެއްމަހާ 26 ދުވަހުގެ ޖަލު އަދަބު ޖޫރިމަނާއަށް ބަދަލު ކުރުމުން އަންނާނެ އަދަދަކީ 11،200 ރުފިޔާ ކަމަށް ވާތީ އެގޮތަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެ ފައިސާ އޮތް ހަމަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ހަލާސް ކުރުމަށް ވެސް އެ ހުކުމުގައިވެއެވެ.



