ދެ ޓީމުގެ މަސައްކަތް ނިންމާނީ ރާއްޖެއަށް ގެންނަން ކޮންމެހެން ޖެހިފައިވާ ”ބޮޑު ބަދަލު“ ގެނައުމަށް ފަހު ކަމަށް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި، ހިޔާލު ތަފާތުވުންތަކެއްގެ ތެރެއިން އެމްޑީޕީގެ ”ބޮޑު ބަދަލު“ ވަޓްސްއެޕް ގްރޫޕުން ފައްޔާޒު ވަނީ ނުކުމެފައެވެ.
ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދާއި ފައްޔާޒު އެކުގައި ”ބޮޑު ބަދަލު“ ގެ ނަމުގައި ސިޔާސީ މަސައްކަތް ފައްޓަވާފައިވާއިރު، ދެ ބޭފުޅުންގެ ފެކްޝަންތަކުގެ މެދުގައި ކޮންމެވެސް ވަރަކަށް ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ކަމަށް ވަނީ އަޑުފެތުރިފައެވެ.
މިކަމާ ގުޅިގެން ފައްޔާޒު ވިދާޅުވީ މީގެ ތިން ހަފްތާ ކުރިން ވަޓްސްއެޕް ގްރޫޕުން ނުކުތް ކަމަށާއި އެކަމަކު ”އެއީ ބޮޑު ބަދަލާ ގުޅޭ ރަސްމީ ގްރޫޕެއް ނޫން“ ކަމަށެވެ.
އެ ގްރޫޕުން ނުކުންނަވަމުން ފައްޔާޒު ވިދާޅުވީ ގްރޫޕު އުފެއްދި ބޭނުން މިހާރު ކެނޑިފައިވާ ކަމަށް ހީވާ ކަމަށެވެ. އެ ބޭފުޅުންގެ ތެރޭގައި ބޭކާރު މައްސަލަތައް ބޮޑުވާހެން ހީވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ފައްޔާޒު ވަޓްސްއެޕް ގުރޫޕުން ނުކުންނެވީ، ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ކޮންމެ މީހަކަށް ވެސް އެ ފުރުސަތު އޮންނާނެ ކަމަށާއި ކުރިމަތިލާން ބޭނުންވާ ބޭފުޅުން ކުރިމަތިލައްވާނެ ކަމަށް އެ ގްރޫޕުގައި ލިޔުއްވުމަށް ފަހު އެވެ.
ވަޓްސްއެޕް ގްރޫޕުން ނުކުންނެވި ހަބަރު ރިޕޯޓުކުރުމުން ފައްޔާޒު މިއަދު އެކްސްގައި ވިދާޅުވީ، އެއީ ރަސްމީ ގްރޫޕެއް ނޫން ކަމަށާއި ”ބޮޑު ބަދަލު“ ގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ.



