”ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖަކީ“ ރާއްޖެއާއި ޗައިނާއާއި ދެމެދު އޮތް ރަހުމަތްތެރިކަމުގެ ގުޅުން ރަމްޒުކޮށްދޭ ވަރުގަދަ ނިޝާނެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ސިނަމާލެ ބުރިޖު ރަސްމީކޮށް ހުޅުވާ ބޭނުންކުރަން ފެށިތާ 8 އަހަރުފުރުމާއި ގުޅިގެން މިއަދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ސިނަމާލޭ ބުރިޖަކީ ރާއްޖޭގައި ކުރިއަށްގެންދިޔަ ޢުމްރާނީ ތަރައްޤީގެ އެންމެ ބޮޑު އެއް މަޝްރޫޢެވެ. މާލެ، ހުޅުލެ އަދި ހުޅުމާލެ ގުޅާލުމަށް ތަރައްޤީކުރި ސިނަމާލޭ ބުރިޖަކީ އިންޖިނިއަރިންގ ދާއިރާއިން އަދި ޢުމްރާނީ ގޮތުންވެސް ރާއްޖޭގައި ކުރިއަށްގެންދެވުނު އެންމެ ފާހަގަކޮށްލެވޭ މަޝްރޫޢެވެ.
ސިނަމާލެ ބުރިޖު ހުޅުވިތާ 8 އަހަރު ފުރޭ މުނާސަބާއާއި ދިމާކޮށް ރައީސް މުޢިއްޒު މިއަދު ހެނދުނު ވަނީ ބުރިޖު ސަރަޙައްދަށް ވަޑައިގަންނަވާ އެސަރަޙައްދު ބައްލަވާލައްވާފައެވެ. އެމަނިކުފާނު އެސަރަޙައްދަށް ވަޑައިގަތުމުން މަރުޙަބާ ވިދާޅުވީ، ހައުސިންގް މިނިސްޓަރު ޑރ.ޢަބްދުﷲ މުއްޠަލިބާއި، ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ އެވެ.
ރައިސް މުޢިއްޒު ވަނީ އެސަރަޙައްދުގައި ޤާއިމުކޮށްފައިވާ ޕާކުގައި ހުރި ބުރިޖު މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދިޔަ ދުވަސްވަރާއި އަދި ބުރިޖު ހުޅުވި ދުވަހުގެ ފޮޓޯތައް ބައްލަވާލައްވާފައެވެ. އަދި ބުރިޖު ބައްލަވާލެއްވުމަށް އެމަނިކުފާނުވަނީ ވަޑައިގަންނަވާފައެވެ.



