ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޚާރިޖީ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އިން ފ. ނިލަންދޫގައި ކުރިއަށްގެންދިޔަ ކެންސަރަށް ހޭލުންތެރިކުރުމާއި ސްކްރީން ކުރުމުގެ ޕްރޮގްރާމްގެ ދަށުން 2000 އެއްހާ މީހުން ސްކްރީންކޮށްފިއެވެ.
ޕާކިސްތާނު ސަރުކާރުގެ ފަރާތުން އެ ޤައުމުގެ ހައިކޮމިޝަނުން ސްޕޮންސާކޮށްގެން ކުރިއަށްގެންދިޔަ މި ކެމްޕޭން ނިލަންދޫގައި ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު، ވައިސް އެޑްމިރަލް (ރިޓަޔަޑް) ފައިޞަލް ލޯދީއެވެ.
މި ކެމްޕޭން ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 20 އިން 22 އަށެވެ.
މި ޕްރޮގްރާމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި މަރުޙަބާ ދަންނަވައި ވާހަކަދައްކަވަމުން، ސީއެސްއެމްގެ ރައީސް ޙުސައިން ރަޝީދު މޫސާ އަދި ފ. އަތޮޅު ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު ވަނީ ޕާކިސްތާނު ސަރުކާރަށާއި އެ ޤައުމުގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ތާރީޚީ އެކުވެރިކަމުގެ މައްޗަށް ދެބޭފުޅުން ވެސް އަލިއަޅުއްވާލެއްވިއެވެ.
މީގެ އިތުރުން، ސީއެސްއެމްގެ ޗެއާޕާސަން ޖުވައިރިޔާ ސަޢީދު ވަނީ ކެންސަރު ސްކްރީނިން މަރުޙަލާތައް ކުރިއަށްދާ ގޮތާއި، މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ޢާންމު ރައްޔިތުންގެ ސިއްހަތަށް ކުރާނެ ފައިދާތަކުގެ ތަފްސީލު ދެއްވާފައެވެ.




