ސައިންސާއި، އިންޖިނިއަރިންގ އަދި ހިސާބުގެ ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރާ ފަރާތްތަކަށް، ރާއްޖޭގައި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
އެމަނިކުފާނު މި ޔަޤީންކަން ދެއްވާފައިވަނީ، ”ދަ ޕަލްސް“ ޕުރޮގުރާމުގެ 7 ވަނަ އެޕިސޯޑުގައި، އިންޖިނިއަރިންގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދެ ދަރިވަރުންނާ ވާހަކަފުޅުދައްކަވަމުންނެވެ.
އިއްޔއ ފާހަގަކުރި، ޤައުމީ އިންޖިނިއަރުންގެ ދުވަހުގެ މުނާސަބަތުގައި ”ދަ ޕަލްސް“ ގެ ރޭގެ އެޕިސޯޑު ޚާއްސަކޮށްފައިވަނީ ރައީސް މުޢިއްޒު އިންޖިނިއަރިންގެ ދާއިރާގައި ކުރެއްވި މަސައްކަތްޕުޅުގެ މައްޗަށާއި، އިންޖިނިއަރިންގ ދާއިރާ އިން ދިވެހިރާއްޖޭގައި ހުރި ފުރުސަތުތަކާއި އެ ފަންނުގެ މުސްތަޤުބަލާމެދު އެމަނިކުފާނާއި ދެ ދަރިވަރުން ކުރެއްވި ދިރާސީ މަޝްވަރާއަށެވެ.
މި މަޝްވަރާގައި އެމަނިކުފާނާއެކު ބައިވެރިވެވަޑައިގެންފައިވަނީ، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ނޮޓިންގހަމް ގައި، ބެޗެލަރ އޮފް އިންޖިނިއަރިންގ (އޮނަރސް) އިން އާކިޓެކްޗަރަލް އެންވަޔަރަމަންޓަލް އިންޖިނިއަރިންގ ކިޔަވަމުންދާ ދަރިވަރު، ޢާއިޝަތު ލީން ނާޒިމް އާއި، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބަރމިންގހަމް ގައި ބެޗެލަރ އޮފް އިންޖިނިއަރިންގ (އޮނަރސް) އިން މެކޭނިކަލް އިންޖިނިއަރިންގ ކިޔަވަމުންދާ ދަރިވަރު، މަޚްތޫމް ބިން ޙުސައިންއެވެ.
އިންޖިނިއަރިންގ ފަދަ ސައިންސަށް ބަރޯސާވާ ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރާ ފަރާތްތަކަށް ދިވެހިރާއްޖޭގައި ހުރި ފުރުސަތުތަކާމެދު ދަރިވަރުން ކުރެއްވި ސުވާލުގެ ޖަވާބުގައި އެމަނިކުފާނު ވަނީ، އެފަދަ ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް ހިތްވަރުދެއްވުމަށާއި ވަޒީފާގެ ފުރުސަތުތައް ފަހިކުރެއްވުމަށް ސަރުކާރުން ކުރައްވަން ނިންމަވާފައިވާ ބައެއް ކަންކަން ހިއްސާކުރައްވާފައެވެ.
އެގޮތުން، ސާނަވީ އަދި މަތީ ސާނަވީ ދަރިވަރުން ކިޔަވާނޭ ސްޓްރީމް އިޚުތިޔާރުކުރާ ހިސާބުންވެސް، ސައިންސްގެ އަދި ހިސާބު މާއްދާތަކާއެކު ހުރި ފުރުސަތުތަކާމެދު ހޭލުންތެރިކަން އިތުރުކުރުމާއި، ހަޔަރ އެޑިއުކޭޝަން ލޯން ދޫކުރުމުގައި އެފަދަ ދާއިރާތަކަށް އިސްކަންދިނުމާއި، ސަރުކާރާއި ޕްރައިވެޓް ސެކްޓަރުގެ ތެރެއިން އެފަދަ ވަޒީފާގެ ފުރުޞަތުތައް ފަހިކުރެވޭނޭ ފަދަ ސިޔާސަތުތައް ބައްޓަންކުރައްވަމުން ގެންދަވާނޭކަން އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި، ސަރުކާރުން ދޫކުރާ މަތީ ތަޢުލީމުގެ ލޯނުގެ ދެބައިކުޅަ އެއްބައި، ސައިންސް، އިންޖިނިއަރިންގ އަދި މެތަމެޓިކްސް ބޭސްޑް ދާއިރާތަކަށް ޚާއްޞަކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވިގޮތުގައި އެމަނިކުފާނު ދެކެވަޑައިގަންނަވަން ބޭނުންފުޅުވަނީ، ކުރިއަށް އޮތް 3 އަހަރާއި 5 އަހަރާ ދެމެދުގައި ދިވެހި ފަންނުވެރިން މި ދާއިރާތަކުގައި ނަގާކިޔާ މަންޒަރެވެ.



