ރާއްޖޭގެ ޕާސްޕޯޓް ބުކްލެޓް ލިބުން ލަސްވުމުން މި ވަގުތަށް ހަމަޖައްސާފައިވާ އިންތިޒާމްތަކުގެ ތެރޭގައި، މުއްދަތު ހަމަވާ ޕާސްޕޯޓަށް މުއްދަތު އިތުރުކޮށްދޭން ހަމަޖެހޭނީ ކުރިން ވެސް އޮންނަ ގޮތަށް އާ ޕާސްޕޯޓަކަށް އެދި އިމުގަ މެދުވެރިކޮށް ހުށަހެޅުމުން ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ބުނެފައިވަނީ 2016 ވަނަ އަހަރުން ފެށިގެން ޕާސްޕޯޓު ބުކްލެޓް ރާއްޖެއަށް ފޯރުކޮށްދޭ ޖަރުމަނުގެ ކުންފުނީގެ ޕްރިންޓް ހައުސްގެ މެޝިންތަކަކަށް ދިމާވި މައްސަލައަކާ ހެދި ބުކްލެޓް ފޮނުވުން ލަސްވެ، ބުކްލެޓް މަދުވެފައިވާ ކަމަށެވެ.
އެހެންކަމުން މިހާރު ހުރި ޕާސްޕޯޓް ސްޓޮކް މެނޭޖްކުރުމަށް މިދިޔަ ހުކުރު ދުވަހުން ފެށިގެން ވަނީ ޕާސްޕޯޓް ދޫކުރުމުގައި ބައެއް ބަދަލުތައް ގެނެސްފައިކަން ވެސް އިމިގްރޭޝަނުން ހާމަކުރިއެވެ.
އެ ބަދަލުތަކުގެ ތެރޭގައި، ޕާސްޕޯޓަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ރާއްޖޭގައި ހުއްޓާ ޕާސްޕޯޓް މުއްދަތު ހަމަވާ މީހުންނަށް އާ ޕާސްޕޯޓެއް ހަދައިދިނުމުގެ ބަދަލުގައި މިހާރު ދޫކޮށްފައިވާ ޕާސްޕޯޓްގެ މުއްދަތު އަންނަ އަހަރުގެ ޖޫން 30 އަށް އިތުރުކޮށްދިނުން ހިމެނެއެވެ.
”ސެޕްޓެމްބަރު މަހުގެ ނިޔަލަށް ލިބޭނެ ކަމަށް ބުނެފައި އޮތީމަ މިހާރު ހުރި ސްޓޮކް އަޅުގަނޑުމެން މެނޭޖްކުރަންވެގެން އެގޮތަށް މި ހަދަނީ. ރިނުއަލްއަށް ލާފައި އަދިވެސް ހުރިވަރަކުން ސްޓޮކް މެނޭޖްކުރަމުން ޕާސްޕޯޓް ދޫކުރަމުން ދާނީ“ އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕާސްޕޯޓުގެ މުއްދަތު އިތުރުކުުރުމަށް ޖެހޭނީ އިމުގާ މެދުވެރިކޮށް އާ ޕާސްޕޯޓަކަށް އެޕްލައިކުރާށެވެ. އެގޮތަށް ހުށަހެޅުމުން، އެ މީހަކަށް އިމިގްރޭޝަނުން ގުޅައި އެ އޮފީހަށް ދިއުމުން ޕާސްޕޯޓުގައި ސެކިއުރިޓީ ފީޗާތަކެއް ހިމެނޭ ސްޓޭމްޕެއް ޖަހައިދޭނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.


