ހުޅުމާލެ ޕޮލިހާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި އޮގަސްޓު މަހުގެ 30 ވަނަ ދުވަހު ބޭއްވި މި ބައްދަލުވަކީ މަގުމަތީގެ އެކްސިޑެންޓުތައް ގިނަވެ، ނުރައްކާތެރި ހާދިސާތައް އިތުރުވަމުން އަންނާތީ، އެކްސިޑެންޓުތައް މަދުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
ހުޅުމާލެ ފޭސް 1 ޕޮލިހުގައި ބޭއްވި މި ބައްދަލުވުމުގައި ހުޅުމާލެ ޕޮލިސް ހެޑް ޗީފް އިންސްޕްކެޓްރ އޮފް ޕޮލިސް އިބްރާހީމް ޚަލީލްއާއި، ހުޅުމާލެ ޓްރެފިކް ޕޮލިސް ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ހަނީފްއާއި، އެހެނިހެން ފުލުހުންގެ އިތުުރުން އެޗްޑީސީގެ ޕްލޭނިންގ ހެޑް އަޙްމަދު ޝާހިދުއާއި، އެޗްޑީސީގެ އެހެނިހެން އިސްވެރިން ބައިވެރިވެލެއްވިއެވެ.
މި ބައްދަލުވުމުގައި، އާންމުކޮށް އެކްސިޑެންޓުތައް ގިނައިން ހިނގާ ކަމަށް ފާހަގަކުރެވޭ ސަރަހައްދުތަކާއި ބާރު ދުވެލީގައި އުޅަނދު ދުއްވާ ސަރަހައްދުތަކުގެ މައުލޫމާތު ހިއްސާކޮށް، އެ ސަރަހައްދުތަކުގައި ހިނގާ ހާދިސާތައް މަދުކުރުމަށް އެޅިދާނެ އަވަސް ފިޔަވަޅުތަކަކީ ކޮބައިތޯ ބަލައި، ފުޅާދާއިރާއެއްގައި މަޝްވަރާކުރި ކަމަށް ފުލުހުން ބުންޏެވެ.
އެގޮތުން، މަގުމަތީގެ ސަލާމަތްތެރިކަން އިތުރުކުރުމަށްޓަކައި މައިގަނޑު ތިން ދާއިރާއަކުން (އިންޖިނިއަރިންގ، އެންފޯސްމަންޓް އަދި އެޑިއުކޭޝަން) މަސައްކަތް ކުރުމަށް މި ބައްދަލުވުމުގައި ހިޔާލު ބަދަލުކުރިއެވެ.
އަދި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކުރުމާއި، ގަވާއިދާ ހިލާފުވެ ބާރަށް އުޅަނދު ދުއްވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުން އަވަސްކުރުމަށާއި، ސުކޫލުތައް ހިމެނޭ ސަރަހައްދުތަކުގައި ޓްރެފިކް ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމާއި، ރައުންޑްއެބައުޓްތަކާއި ކަފިހިހުރަސްތަކުގެ ސަރަހައްދުތަކުގައި ޓްރެފިކް މެނޭޖުކުރުން މިހާރަށްވުރެން ހަރުދަނާކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތަކާމެދު މަޝްވަރާކުރި ކަމަށްވެސް ބުންޏެވެ.
އޭގެ އިތުރުން، ކަފިހިހުރަސްތަކުގައި ޕެޑެސްޓްރިއަން ލައިޓް ހަރުކުރުމާއި، މަގުތަކުގެ ކަންމަތި، ކަފިހިހުރަސް އަދި ދުވާރުމަތީގައި ޕާކުކުރުން ހުއްޓުވުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. އަދި އުޅަނދު ދުއްވާ ފަރާތްތަކާއި ހިނގާ މީހުން ވެސް މަގުމަތީގެ ރައްކާތެރިކަމަށް ސަމާލުކަންދޭ މިންވަރު އިތުރުކުރުމަށްޓަކައި ދެ މުއައްސަސާ ގުޅިގެން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމަށް މަޝްވަރާކުރިއެވެ.
މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ހުޅުމާލޭގެ މަގުތަކަކީ އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ދެ މުއައްސަސާ ގުޅިގެން ކުރެވިދާނެ ކަންކަން ދެނެގަތުން ކަމުގައި ފުލުހުން ބުންޏެވެ.




