ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ކޮންޓްރެކްޓަރަކަށް ރާއްޖޭގެ ވިޔަފާރިވެރިން ދައްކަން ޖެހޭ ފައިސާގެ ތެރެއިން، އުނިކޮށްގެން ނަގާ ”ވިތުހޯލްޑިން ޓެކްސް“ ފަސް ޕަސެންޓުން 10 ޕަސެންޓަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރައްވައިފިއެވެ.
އެ ބިލު ރައީސް ތަސްދީގުކުރެއްވީ އެ ބިލާއި އެހެން ހަ ބިލެއް ތަސްދީގު ކުރެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެެއްގައެވެ.
ބިލްތައް ތަސްދީގުކުރެއްވުމަށް ފަހު އެ ގާނޫނުތައް ގެންނަން ޖެހުނު ސަބަބުތަކުގެ ތަފްސީލު ދެއްވަމުން ރައީސް ވިދާޅުވީ ވިތުހޯލްޑިން ޓެކްސް ބޮޑުކުރުމަކީ އިމާރާތްކުރުމުގެ މަސައްކަތްކުރާ ދިވެހި ކުންފުނިތަކަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއް ކަމަށެވެ.
”އެހެން މި ދަންނަވާ ސަބަބަކީ މިއިސްލާހުގެ ސަބަބުން، ވިތުހޯލްޑިން ޓެކްސްއަށް މި ގެނައި ބަދަލާ އެކީގައި ބޭރުގެ ކުންފުނިތަކަށް ވަކި އިތުރު އެޑްވާންޓޭޖެއް ނުލިބޭނެ، ކޮންޓްރެކްޓްތައް ހޯދުމުގައެއް. ދިވެހި ކުންފުނިތަކާ ބޭރު ކުންފުނިތަކާ ކޮމްޕެޓިޓިވް ވާނެ މިހާރު،“ ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެގޮތަށް އެކަން ނުކުރާ ނަަމަ ކޮންޓްރެކްޓްތައް ހޯދަން ބޭރުގެ ކުންފުނިތަކަށް މާ ފަސޭހަ ކަމަށެވެ.




