ޓޫރިސްޓުންނަށް ރާއްޖެއިން ބުކިން ހަދައިދޭ ބުކިން ޕްލެޓްފޯމްތަކާއި ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެެލް އެެޖެންޓުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް، ޓެކްސްއާ ބެހޭ ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުން މި މަހުގެ 23 ވަނަ ދުވަހު ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.
ރައީސް އެ ބިލް ތަސްދީގުކުރެއްވީ އެ ބިލާއި މި ފަހުން މަޖިލީހުން ފާސްކުރި އެހެން ހަ ބިލެއް ތަސްދީގުކުރައްވަން ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
ރައީސް ތަސްދީގުކުރެއްވި ބައެއް ބިލްތައް މުހިންމުވާ ސަބަބު ތަފްސީލުކުރައްވަމުން ވިދާޅުވީ ގާނޫނަށް އެ ބަދަލު ގެނައުމަކީ ޓޫރިޒަމް ދާއިރާއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.
”ޑެސްޓިނޭޝަން ޕްރިންސިޕަލް ތައާރަފްކުރުމުން އޭގެ ފައިދާ ރާއްޖެއަށް ކުރާނެ،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ހުށަހެޅުއްވި އެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގަތް 56 މެންބަރުންގެ ތެރެއިން 54 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ ބިލު ފާސްކުރަން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓު ދެއްވީ ދެ މެމްބަރުންނެވެ.



