ޤާނޫނު ނަންބަރު 2019/14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގު ކުރައްވައިފިއެވެ.
ރައީސް މުޢިއްޒު މި ބިލު ތަސްދީގު ކުރެއްވީ، މިކަމަށްޓަކައި މިއަދު ރައީސް އޮފީހުގައި ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި ބިލު ފާސްކުރައްވާފައިވަނީ، 2026 އޮގަސްޓު 26 ވީ ބުދަ ދުވަހު ބޭއްވެވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 28 ވަނަ ޖަލްސާއިންނެވެ.
މި އިސްލާހުގެ މަގުސަދަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވާ ފަރާތްތަކާއި މަސްވެރި އުޅަނދުތަކަށް އިދާރީ ފިޔަވަޅު އެޅުމުގެ އުސޫލުތައް ހަރުދަނާކުރުމާއި، ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކުގައި ކުރުން ހުއްދަކުރެވިފައިވާ މަސްވެރިކަން ކުރުމާއި، އެކުއަކަލްޗަރކުރުމުގެ އުސޫލުތަކާއި، މަސްވެރިކަމުގެ ބަނދަރުތައް ތަރައްޤީކޮށް ހިންގުމާ ބެހޭ އުސޫލު ބަޔާންކުރުމާއި މި ނޫންވެސް ޤާނޫނު ތަންފީޒުކުރުމަށް ޓަކައި ބޭނުންވާ އިސްލާހުތައް ގެނައުމެވެ.
މި އިސްލާހާއެކު، ރައްކާތެރިކަމާއެކު މަސްވެރި އުޅަނދުފަހަރު ބަނދަރުކުރުމަށް ތަރައްޤީކުރެވިފައިވާ، މަސްވެރިކަމަށް ޚާއްސަކުރެވިގެން ފޯރުކޮށްދޭ ޚިދުމަތްތައް ލިބޭ، މަސްވެރިކަމުގެ ބަނދަރުތައް ތަރައްޤީކޮށް ހިންގުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.
މީގެ އިތުރުން، މުނިފޫހިފިލުވުމަށް ނުވަތަ ކުޅިވަރުގެ ގޮތުގައި ކުރާ މަސްވެރިކަމުގެ ޙަރަކާތްތަކާއި އެފަދަ މަސްވެރިކަމާ ފެސިލިޓީތައް ތަރައްޤީކޮށް ހިންގުމަށް ކަމާގުޅޭ މިނިސްޓްރީއިން އުސޫލުތައް އެކުލަވާލަންވާނެ ކަމަށް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ. އަދި އެކުއަކަލްޗަރކުރުމަށް ސަރަޙައްދުތައް ކުއްޔަށް ދޫކުރެވޭ ގޮތްތައް ފުޅާކޮށް، އެކަމާ ގުޅޭ އުސޫލުތައް ވެސް މި އިސްލާހުގައި ވަނީ ކަނޑައަޅާފައެވެ.
މި ބިލުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވާ ބޭރުގެ މަސްވެރި އުޅަނދުތަކާމެދު އިދާރީ ފިޔަވަޅު އެޅުމުގައި އެ އުޅަނދެއްގެ ފްލޭގް ސްޓޭޓް ޒިންމާދާރުކުރެވޭނެ ހަމަތައް ކަނޑައެޅުމާއެކު މަސްވެރިކަމުގެ ޤާނޫނާ ގަވާއިދުތައް ތަންފީޒުކުރުމުގައި މިނިސްޓްރީން ޢަމަލުކުރާ އުސޫލުތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ. އެގޮތުން، ޤާނޫނާ ޚިލާފުވާ ފަރާތްތަކުގެ ކުށް ކަނޑައަޅައި، އެ ކުށުގެ އަދަބާއި، ޖޫރިމަނާކުރެވޭ އަދަދުތަކަށް ވަނީ އިސްލާހު ގެނެސްފައެވެ.
މި އިސްލާހުތަކާ ގުޅިގެން އަލަށް އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް، ޤާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.




