ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް އިމާރާތްކުރި، އަމާން އުދަރެސްގެ ފްލެޓަކުން ކުއްޖަކު ވެއްޓިފައިވާ މަންޒަރު ދައްކުވައިދޭ ވީޑިއޯއާއި ފޮޓޯތައް ދައުރު ނުކުރުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
އަމާން އުދަރެސް 2 ގެ 3 ވަނަ ފަންގިފިލާއިން ބޭރަށް ކުއްޖަކު ވެއްޓިފައިވާ ކަމަށް މިއަދު 11:35 ހާއިރު ރިޕޯޓު ކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ކުއްޖާ ވެއްޓުނު މަންޒަރު ދައްކުވައިދޭ ވީޑިއޯއާއި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ.
މިކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ، ކުޑަ ކުއްޖަކު އިމާރާތަކުން ވެއްޓިފައިވާ ހިތްދަތި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ކަމަށެވެ.
މި ވީޑިއޯ އިތުރަށް ދައުރުނުކުރުމަށާއި، ސޯޝަލް މީޑިއާގެ އެކައުންޓްތަކާއި، ޕޭޖުތަކާއި ގްރޫޕުތަކުން މި ވީޑިއޯ ނެގުމަށް އެންމެހާ ފަރާތްތަކަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މިފަދަ ވީޑިއޯތައް ދައުރުކުރުމަކީ އެ ކުއްޖާގެ ޒާތީ މިނިވަންކަމާއި ކަރާމާތަށް އަރައިގަނެވި، އާއިލާއަށް އިތުރު ހިތާމައާއި ނުތަނަވަސްކަން ލިބިގެންދާނެ ކަމެއް ކަމަށާއި މި މަންޒަރުތައް ބަލާ ކުޑަކުދިންނަށާއި ނާޒުކު އެހެން ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް މީގެ ސަބަބުން ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމުގައި ފުލުހުން ބުންޏެވެ.
”ވީމާ، މި ވީޑިއޯ ޑައުންލޯޑް ނުކުރުމަށާއި، ރީޕޯސްޓް ނުކުރުމަށާއި، މި ހާދިސާއާ ގުޅޭގޮތުން ކޮމެންޓްކުރުމާއި ހަގީގަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށް އެދެން.“ ފުލުހުން ބުނެފައިވެއެވެ.
މީގެއިތުރުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން މި ވީޑިއޯ ނެގުމަށް ރިޕޯޓްކުރުމަށާއި، އެހެން ފަރާތްތަކުންވެސް މި ވީޑިއޯ ފޮހެލުމަށް ބާރުއެޅުމަށް ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ފުލުހުން އަޅަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.




