ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއްވި އުމުރުން 9 އަހަރުގެ އަންހެން ކުއްޖާ މިއަދު ފަތިހުގެ ވަގުތެއްގައި ނިޔާވެއްޖެއެވެ.
މި ހާދިސާގެ ސަަބަބުން ނިޔާވެފައިވަނީ ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލުގެ ދަރިވަރެއް ކަމަށްވާ، މ. ލެމަންޓްރީގެ / ޒީވާ ސިނާން އަހުމަދު އެވެ. އެކްސިޑެންޓާ ގުޅިގެން އޭނާއަށް ފަރުވާ ދެމުންދިޔައީ އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައެވެ.
މި އެކްސިޑެންޓު ހިނގީ، ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެއް، ވިނަރެސް 7ގެ ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން، މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެންނެވެ.
މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން 18 އަހަރުގެ ދިވެހި އަންހެނަކަށާއި ފަހަތުގައި އިން 9 އަހަރުގެ ޒީވާއަށް އަނިޔާވިއެވެ. މި ހާދިސާއާ ގުޅިގެން ބޮޑަށް އަނިޔާވީ ޒީވާ އަށެވެ. އަންހެން މީހާގެ ހާލު ރަނގަޅުކަމުގައި ފުލުހުން ބުނެފައިވެއެވެ.



