ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއްވި އުމުރުން 9 އަހަރުގެ ޒީވާ ސިނާން އަހުމަދު ނިޔާވުމާ ގުޅިގެން، އޭނާގެ ޖަނާޒާގައި ބައިވެރިވުމަށް ބިލަބޮންގް އިންޓަނޭޝަނަލް ހައިސްކޫލުން މިއަދުގެ ސެޝަންތައް ކުރުކޮށްލައިފިއެވެ.
އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް ޒީވާ ނިޔާވެފައިވަނީ މިއަދު ފަތިހުގެ ވަގުތެއްގައެވެ.
ބިލަބޮންގުން މިއަދު ބެލެނިވެރިންނަަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، ޒީވާ ނިޔާވި ހިތާމަވެރި ހާދިސާއާ ގުޅިގެން އޭނާގެ ޖަނާޒާގައި ބައިވެރިވުމަށް އެ ސްކޫލްގެ ކިޔެވުން މިއަދު ހެނދުނު 10:00 ގައި ނިންމާލުމަށް ނިންމާފައިވާ ކަމަށެވެ.
ބިލަބޮންގުން ބުނީ، އެގަޑިއަށް ދަރިވަރުން ބަލާ ދިޔުމަށް އެދޭ ކަމަށާއި އެގަޑިއަށް ބަލާ ނާދެވޭ ދަރިވަރުންނާއެކު، ބެލެނިވެރިންނަށް އާދެވެންދެން ޓީޗަރުން މަޑުކުރާނެ ކަމަށެވެ.
ޒީވާއަކީ ބިލަބޮންގް ސްކޫލްގެ ގްރޭޑް 4 ގައި ތައުލީމު ހާސިލު ކުރަމުންދިޔަ ކުއްޖެކެވެ.
މި ނުރައްކާތެރި އެކްސިޑެންޓު ހިނގީ، ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެއް، ވިނަރެސް 7ގެ ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން، މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެންނެވެ.
މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން 18 އަހަރުގެ ދިވެހި އަންހެނަކަށާއި ފަހަތުގައި އިން 9 އަހަރުގެ ޒީވާއަށް އަނިޔާވިއެވެ. މި ހާދިސާއާ ގުޅިގެން ބޮޑަށް އަނިޔާވީ ޒީވާ އަށެވެ. އަންހެން މީހާގެ ހާލު ރަނގަޅުކަމުގައި ފުލުހުން ބުނެފައިވެއެވެ.
ޒީވާގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ މިއަދުގެ މެންދުރު ނަމާދަށްފަހު ހުޅުމާލެ ސަހަރާ މިސްކިތުގައެވެ.


