ގުޅިފަޅުގައި 4000 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢުއެއް މިއަހަރު ފެށުމަށް ތައްޔާރުވަމުންދާކަމަށް ހައުސިންގް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙުމަދު ނާޒިމް މުޙައްމަދު ވިދާޅުވީ މި މަޝްރުޢޫއަކީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދިއުމަށް ނިންމާފައިވާ މަޝްރޫޢުއެއް ކަމަށާއި މި މަޝްރޫޢުއަށް ބޭނުންވާ ފައިނޭންސް ހަމަޖެއްސުމުގެ މަސައްކަތް އެގްޒިމް ބޭންކާއެކު ދަނީ ކުރިއަށް ކަމަށެވެ.
ނާޒިމް ވިދާޅުވީ މި މަސައްކަތް ޢަމަލީގޮތުން މިއަހަރު ފެށުމަށްޓަކާ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މާލެ ސަރަޙައްދުގައި މިވަގުތު ބީއެމްއެލްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުގައި 3460 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަނީ ކުރިއަށްގެންދަމުންނެވެ. ނާޒިމް ވިދާޅުވީ ސައިޓުގައި ޢަމަލީ މަސައްކަތްތަކަށް ދިއުމުގެ ކުރިން، އިދާރީގޮތުން ފުރިހަމަކުރަންޖެހޭ ވަރަށް ގިނަ ކަންކަން ހުންނަކަމަށެވެ. އަދި މިއީ ޢަމަލީގޮތުން ސައިޓުގައި މަސައްކަތް ކުރިއަށްދާތަން ފެންނަލެއް ލަސްވާ އެއް ސަބަބުކަމަށް ވެސް ވިދާޅުވިއެވެ.
ނަމަވެސް މި މަރުޚަލާތައް ފުރިހަމަކޮށް ނިމި، މިހާރު ހުޅުމާލެ ފޭސް 1ގައި އަޅާ ފްލެޓްތަކުގެ ޓަވަރުތަކުގެ ޢަމަލީ މަސައްކަތްތައް ވަނީ ފަށާފައެވެ. އަދި ފޭސް 2ގައި އަޅާ ފްލެޓްތަކުގެ ފައިނަލް ޑިޒައިންތައް އެޕްރޫވްކޮށް ނިމި، ޢަމަލީ މަސައްކަތް ފެށުމުގެ މަރުޚަލާގައިވާކަމަށް ނާޒިމް ވިދާޅުވިއެވެ.
”މަސައްކަތް ދާތަން ނުފެނެއޭ ބައެއް މީހުން ބުނޭ. އެކަމަކު އިދާރީ ވަރަށް ބޮޑު ޕްރޮސެސްއެއް އެބަ އޭގެ ކުރިން ކުރިއަށްދޭ. ޑިޒައިން އެޕްރޫވްކުރުން، ސައިޓް ހޭންޑްއޯވަރ، ޤަނޫނާއި ގަވާއިދުތަކުގެ މަރުޚަލާތައް ފުރިހަމަކުރުން އަދި ހުއްދަތައް ހޯދުމާއި ފަންނީ މަރުޚަލާތައް ހިމެނޭ.“ ސްޓޭޓް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.



