ކުޑަކުއްޖަކު ގްރޫމްކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހެއްގެ ފޯނު ހިފަހައްޓައި ފާސްކުރިއިރު، އޭނާގެ ފޯނުގައި ބަރަހަނާ މަންޒަރު ހިމެނޭ ގިނަ އަދަދެއްގެ ވީޑިއޯ އާއި ފޮޓޯ ހުރުމުން 18،000 ރުފިޔާއިން އެ މީހާ ޖޫރިމަނާކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގައި ބުނެފައިވަނީ، މި މައްސަލައިގައި ޖޫރިމަނާކޮށްފައިވަނީ ޏ. ފުވައްމުލައް، ދޫޑިގަން / އަލީ އަހުމަދު ކަމަށެވެ.
އޭނާގެ މައްސަލަ ފުލުހުންނަށް އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ 2024 ވަނަ އަހަރުގެ ތެރޭގައި، އެކި ދުވަސްތައް މަތިން 15 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރުމަށް، އެ ކުއްޖާ ގްރޫމްކޮށް، ”އެކްސްޕްލޮއިޓް“ ކުރިކަމުގެ ތުހުމަތުގައެވެ.
އެ މައްސަލާގައި ފުލުހުން އޭނާގެ ފޯނު އަތުލި އެވެ. އަދި ފިރިހެނުން އެއް ޖިންސުން ގުޅުން ހިންގާ މަންޒަރާއި ބަރަހަނާ މަންޒަރު ހިމެނޭ އެތައް ސަތޭކަ ވީޑިއޯ އާއި ފޮޓޯ އެ ފޯނުން ފެނިފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ ކްރިމިނަލް ކޯޓުން ބުނެފައިވެއެވެ.
އެގޮތުން ކްރިމިނަލް ކޯޓުން ބުނެފައިވަނީ، އަލީ އަހުމަދުގެ ފޯނުން އެފަދަ 1،378 ވީޑިއޯ އާއި 566 ފޮޓޯ ފެނިފައިވާ ކަމަށާއި
އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން، އެއް ޖިންސުން ގުޅުން ހިންގުމާ ބެހޭ ވާހަކަތައް ދައްކާފައިވާ ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ހުންނަ އެފަދަ ގުރޫޕުތަކުގައި އޭނާއުޅޭ ކަމަށްވެސް ބުނެފައިވެއެވެ.
ކްރިމިނަލް ކޯޓުން ބުނިގޮތުގައި އޮރިޔާންކާޑުގެ ދައުވާ އޭނާގެ މައްޗަށް އައުމުން، ކޯޓުގައި އަލީ އަހުމަދު އެދިފައިވަނީ ޖަލު ހުކުމް، ޖޫރިމަނާއަކަށް ބަދަލުކޮށްދިނުމަށެވެ. އެއީ އޭނާއަކީ ވަޒީފާ އަދާކުރާ މީހަކަށް ވާތީ ކަމުގައި ބުނެފައިވެއެވެ.



