އުމުރުން އެންމެ ތިން އަހަރުގެ ކުޑަ އަންހެންކުއްޖަކަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކުއްޖާ މަންމަގެ ބައިވެރިވުމެއް އޮތްތޯ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން އިއްޔެ ވަނީ، ސައުތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި ތިން އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން 28 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހަމަ އެ ދުވަހު ކޯޓަށް ހާޒިރުކުރުމުން، 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.
”ސައުވީސް“ އަށް އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އެ ކުއްޖާގެ ބައްޕައެވެ.
މި މައްސަލައާ ގުޅޭގޮތުން މިއަދު ފުލުހުން ބުނެފައިވަނީ، ކުއްޖާގެ މަންމައަށް ވެސް ކުރެވޭ ތުހުމަތުތަކާ ގުޅިގެން، މައްސަލައިގައި އޭނާގެ އެއްވެސް ބައިވެރިވުމެއް އޮތްތޯ އާއި ބައިވެރިވުން އޮތީ ކިހާ މިންވަރަކަށްތޯ ތަހުގީގު ތެރެއިން ބަލަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން، ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހެލްތު މިނިސްޓްރީއާއި ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ހާލަތު ބަލަމުން އަންނަ ކަމަށް އެ މުއައްސަސާތަކުން ވަނީ ހާމަކޮށްފައެވެ. އަދި ކުއްޖާގެ ރައްކާތެރިކަމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.



