މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ބޭއްވި އެއްވުމެއްގެ ތެރެއިން ހަމަނުޖެހުން ހިންގައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެމްޑީޕީގެ އެކްޓިވިސްޓް އަހުމަދު މައިމޫން މުހައްމަދުގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ފަސް ދުވަސް ޖަހައިފިއެވެ.
ކޯޓު އަމުރެއްގެ ދަށުން މައިމޫން ހައްޔަރު ކުރީ ރޭގެ ދަންވަރުގެ ވަގުތެއްގައި ކަމަށް ފުލުހުން މިއަދު ބުންޏެވެ.
މައިމޫން ހައްޔަރުކުރީ ހުކުރު ދުވަހުގެ ރޭގެ މުޒާހަރާގައި އާންމު މަސްލަހަތު ނަގާލައި، މަގު ބަންދުކުރުމަށް ފުލުހުން ޖަހާފައި ހުރި ބެރިކޭޑުތައް ހުރަސްކޮށް، އާންމުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައިވާ ސަރަހައްދަށް ވަން މައްސަލައިގައެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ތަހުގީގު ކުރިއަށްގެންދިއުމަށްޓަކައި ފަސް ދުވަހުގެ މުއްދަތަށް ޖަލުގައި ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މައިމޫން ހައްޔަރުކުރުމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އޭނާ ވަގުތުން މިނިވަންކުރުމަށް ގޮވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެއްވެ އުޅުމަކީ ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވާ އަސާސީ ހައްގެކެވެ.



